އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހާއްސަ އަހަރެއްގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވާއިރު، "ވިޒިޓް މޯލްޑިވްސް އިޔަރ" އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮންނާނެ އަހަރަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، އަންނަ އަހަރު ފަތުރުވެރިކަމުގެ އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. މިގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ހަރަކާތުގެ މަގްސަދާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ވިޒިޓް މޯލްޑިވްސް އިޔަރއަކީ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރާއްޖޭގައި އަޅުގަނޑުމެން ހުރިހައި އެންމެންވެސް ބައިވެރިވާ އަހަރަކަށްހެދުމަށް. ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަހަރަކީ ރާއްޖޭގެ ކޮންމެ މީހަކުވެސް އޭގައި ކޮންމެވެސް އެއް ބައެއް ކުޅެދޭނެ އަހަރަކަށްވުން ވަރަށް މުހިންމު ވަރަށް ކާމިޔާބު އަހަރަކަށް ހެދުން،" ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އެއްވެސް ބައެއް ނުވަތަ އެއްވެސް ރަށެއް ބާކީ ނުކުރާނެ ކަމަށެވެ. މިއީ މުޅި ރާއްޖެ ޝާމިލުވާނެ ގޮތަށް ބައްޓަންކުރެވޭ ހަރަކާތެއްކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 55 އަހަރު ފުރޭ އަހަރެވެ. މި ތާރީޚީ މުނާސަބަތާ ގުޅުވައިގެން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކޮށް، ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ދަނީ އަމާޒު ހިފާފައެވެ.