ކުރިޔަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި، މަދުވެގެން 25,000 އިތުރު ވަޒީފާގެ ފުރުޞަތު ދިވެހިންނަށް ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ފަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވާ ސިންދަފާތު ކުރުމަށް ތައުލީމީ ޤާބިލް ދިވެހި ޒުވާނުންނާއި، އެކި އުމުރުފުރާގެ ދިވެހިން އިތުރު ކުރުމަށް ކަނޑައަޅާ ތަންފީޒު ކުރަމުންދާ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން، ފާއިތުވި ދެ އަހަރުގެ ތެރޭގައި 21,174 ވަޒީފާގެ ފުރުޞަތު ދިވެހި އިޤްތިޞާދުގައި އުފެއްދިފައިވާ ކަމަށެވެ.
މީގެ ތެރޭގައި ޕްރައިވެޓް ސެކްޓަރގައި އުފެދުނު ކަމަށް ޕެންޝަން އޮފީހުން ވިދާޅުވެފައިވާ 6,724 ވަޒީފާ ހިމެނޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް އިސްކަންދިނުމުގެ ގޮތުން މުހިންމު ނިންމުމެއް ނިންމާފައިވާކަންވެސް ރައީސް ވަނީ އިއުލާންކުރައްވާފައެވެ.
އެގޮތުން 5 ފެބްރުއަރީ 2027 އިން ފެށިގެން، ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ތިބެވޭނީ ހަމައެކަނި ދިވެހީންނަށް ކަމުގައި ކެބިނެޓުގައި މަޝްވަރާކޮށް، ނިންމާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. ރައީސް ވިދާޅުވީ، "މިއަދުން ފެށިގެން 12 މަސް ދުވަސްފަހުން، 5 ފެބްރުއަރީ 2027 އިން ފެށިގެން، ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ތިބެވޭނީ ހަމައެކަނި ދިވެހީންނަށް ކަމުގައި ކެބިނެޓުގައި މަޝްވަރާކޮށް، ނިންމާފައިވާކަން އިޢުލާންކުރަން" ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސިޔާސަތުތަކުގެ ސަބަބުން ކުރިޔަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި، މަދުވެގެން 25,000 އިތުރު ވަޒީފާގެ ފުރުޞަތު ދިވެހިންނަށް ފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މިއީ ދިވެހި ޒުވާނުންނަށް ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް އިތުރުކޮށް، އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.