ތަނަވަސް ފިރިމީހާ އަނބިމީހާގެ މުސްކުޅިމަންމައާ އޭނާއާ ކުރެން އެކަކު އިޚްތިޔާރުކުރަން ބުނުމުން މަންމަ އިޚްތިޔާރުކުރި އަންހެނަކަށް ލިބުނު މާއުފާވެރި ދިރިއުޅުމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ތަނަވަސް ފިރިމީހާ އަނބިމީހާގެ މުސްކުޅިމަންމައާ އޭނާއާ ކުރެން އެކަކު އިޚްތިޔާރުކުރަން ބުނުމުން މަންމަ އިޚްތިޔާރުކުރި އަންހެނަކަށް ލިބުނު މާއުފާވެރި ދިރިއުޅުމުގެ ވާހަކަ-

އެއިރު އަހުރެންގެ ޢުމުރަކީ 30 އަހަރެވެ. ކައިވެނިކޮށްގެން ހުރީ ތަނަވަސް މީހަކާއިއެވެ. މައްސަލަތައް ޖެހެން ފެށީ މަންމައަށް ކެންސަރު ޖެހުނުކަން އެނގުމުންނެވެ. މަންމައަށް ވަޤުތުދޭންޖެހުމުންނެވެ. މަންމަގެ ބޭސްފަރުވާއަށް ޚަރަދުކުރަންޖެހުމުންނެވެ.  

ފިރިމީހާ ބުނީ މަންމަ ގޮވައިގެން ނުއުޅެވޭނެ ކަމަށާއި މަންމަ ނުވަތަ ފިރިމިހާއާއި

ދެމީހުންކުރެ އެކަކު އިޚްތިޔާރުކުރުމަށެވެ. ހަމަޖެހޭ ދިރިއުޅުމެއް ލިބޭނީ އެއިރުން ކަމަށެވެ. އެއްވެސް ޖެހިލުމެއް ނެތި އަހުރެން އިޚްތިޔާރުކުރީ މަންމައެވެ. ޖެހުނީ އެކަނިވެރިވެ މަންމަ ގޮވައިގެން އެނބުރިގެއަށްދާށެވެ. ގެއަށް ގޮސްވަނީ ހުސްއަތާއެވެ. ކެއުމަށް ހަފްތާއަކު ޚަރަދުކުރާނެ ފައިށާވެސް އަތަކު ނެތެވެ. އަހުރެންގެ ހުރިހާވެސް އުންމީދަކީ މާތް ﷲ ހެޔޮ ރަޙްމަތް ލެއްވެވުމެވެ.  

އަހުރެންގެ އުންމީދު ޙާޞިލުކުރެވުނެވެ. ގޭގައި އުޅެންފެށިތަނާ އަވަށްޓެރިއަކާއި ބައްދަލުވެ ސުވާލުކުރުމުން ޙާލުކިޔައިދިނީމެވެ. އޭނާ އަހުރެމެން ދެމައިންނަށް ރަޙުމްކުރިއެވެ. މަންމައަށް ބޭސްކޮށްދިނެވެ. މަންމައަށް ޝިފާލިބުނެވެ. އަހުރެންނާއި ކައިވެނިކުރިއެވެ. ކައިވެނީގައި 2 ދަރިންވެސް ލިބުނެވެ.  

އެއިގެ 10 ވަރަކަށް އަހަރުފަހެވެ. ކުރީގެ ފިރިމީހާއާއި ބައްދަލުވީ ޕާކަކުންނެވެ. ބައްދަލުވުމުން އޭނާއަހުރެންނަށް ކަންތައް ކުރިގޮތަށް ޝުކުރުއަދާކުރުމުން ދިއައީ ސިއްސައިގެންނެވެ. ދެން އަހުރެން ކިޔައިދިނީ އަހުރެންގެ މިހާރުގެ ދިރިއުޅުމެވެ. ދިރިއުޅުމުގައި ހުރި އުފާވެރިކަމެވެ. ބުނީމެވެ. މިއުފާވެރި ދިރިއުޅުން މިލިބުނީ އެދުވަހު ތިބާ އަހުރެން ދޫކޮށްލީތީއެވެ. ޝުކުރުއަދާމިކުރީ އެކަމަށެވެ.  

އޭނާ ވަރަށް ދެރަވެ މާފަށް އެދިފައި އޭނާގެ ވާހަކަތައް ކިޔައިދިނެވެ. ޒުވާންކުއްޖަކާއި ކައިވެނިކޮށް 2 އަހަރުވީތަނާ އޭނާ ބަނގުރޫޓުކޮށްލާފައި ވަކިވެގެން ދިއައީއެވެ. އޭނާއަށް އުފަލުގައި އުޅެވޭނެވަރަށް ވައްކަންވެސް ކޮށްގެންނެވެ. އެހެންވެ މިހާރު އުޅެނީ ވަރަށް ނިކަމެތި ޙާލުގައެވެ. ބަލިވުމުން އެއްވެސް މަސައްކަތެއްވެސް ނުކުރެވޭތީއެވެ.  

އެވަޤުތު ފިރިމީހާ ދެދަރިން ގޮވައިގެން އަހުރެންގެ ގާތަށް އައުމުން ކުރީގެ ފިރިމީހާއަށް ހެޔޮދުޢާކުރަމުން ދުރަށް ދިއައީއެވެ.  

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކުރީ ވިސްނައި ޢިބްރަތް ޙާޞިލުކުރުމަށެވެ. ކޮންމެ ޙާލެއްގައިވެސް މަންމައަށް އެހީތެރިވެދިނުމުގައި ހުރިނަމަ ހެޔޮގޮތްތައް މިންވަރުކުރައްވަވާނެކަން އެއީ ޔަޤީންކުރަންޖެހޭ ކަމެކެވެ. އިން ޝާ ﷲ

 

- ލަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން