އެއީ ދަރިފުޅަށް ރޯގާޖެހިގެން ރޯވަރުން އަބަދު އުރައިގެން އުޅެންޖެހުނު ދުވަހެކެވެ. އެޙާލުގައިވެސް ގޭގެ މަސައްކަތް ގެންދިއައީ ކުރަމުންނެވެ. އެކަމަކު އެހެން ދުވަސްތައްހައި ބާރުމިނުގައި މަސައްކަތްތަކެއް ނުކުރެވެއެވެ.
ހަވީރު ފިރިމިހާ ގެއަށް އައިސް ފުރަތަމަވެސް ސުވާލުކުރީ ކައްކައިފިންތޯއެވެ؟ ޖަވާބުގައި އެދުވަހުގެ ޙާލަތުކިޔައިދިނީމެވެ. ބުނީމެވެ. މިހާރުވެސް މިހުރީ ދަރިފުޅު އުރައިގެންނެވެ. އެކަމަކު މިކުރަނީ ކެއްކުމުގެ މަސައްކަތެވެ.
ފިރިމީހާގެ ޖަވާބަކަށްވީ ނުކެއްކިހުރީ އަހުރެންގެ ކަންނެތްކަމުން ކަމަށެވެ. މައްސަލަ ޙައްލުކުރެވޭނީ ދެވަނަ އަންތބަކު ގެނެސްގެން ކަމަށެވެ. އެހެން ބުނުމުން ވަޤުތުން އެއްބަސްވީމެވެ.
ހަފްތާއެއްވެސް ނުވަނީސް ދެވަނަ އަނބިމީހާ ގެއަށް ގެނައުމުން ބުނީމެވެ. "އަހުރެންނަށްވެސް ދަރިފުޅަސްވެސް އެއްވެސް ކަމެއް ކޮށްދޭނެ ކަމެއް ނެތެވެ. ގޭތެރެސާފުކުރާނެ ކަމެއްވެސް ނެތެވެ. އެކަންވެސް ކުރާނަމެވެ. އެއިގެ އިތުރުން ފިރިމީހާގެ އެއްޗެތި ދޮވެ އިސްތިރިކޮށްދޭނަމެވެ. ފިރިމީހާއަށް އިތުރަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދޭށެވެ. ފިރިމީހާއަށް ކައްކައިދީ ދެމީހުން ކައިގެން ތިބޭށެވެ."
ހަފްތާއެއްވީ ދުވަހު ފިރިމީހާ ގެއަށް އައުމުން ފެނުނީ އަހުރެން ކައްކާފައިހުރި ތެލީގެ މަތިނަގައި ތަށްޓަށް އަޅަނިކޮށެވެ. ވަޤުތުން އެކަން މަނާކުރީމެވެ. ދެމީހުންކުރެ އެކަކަށްވެސް އަނގައިން ބުނާކަށް ނުކެރުނެވެ. މަސްދުވަސް ނުވަނީސް ވަރިކޮށްފައި ފޮނުވާލައިފިއެވެ. ސަބަބެއް އަޅުގަނޑު ގާތަކު ނުބުނެއެވެ. އަޅުގަނޑު ސުވާލެއްވެސް ނުކުރަމެވެ.
އެއިގެ ފަހުން 5 އަހަރުވީއެވެ. އަޅުގަނޑާއި އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އެހެންވެ އަޅުގަނޑު ޤަބޫލުކުރަނީ ލިބުނު ފިލާވަޅުން ޢިބްރަތް ޙާޞިލުކުރެވުނީ ކަމަށެވެ. ދެން ބުނެލަން ބޭނުންވަނީ ދަރިއަކު އުރައިގެން ގެންގުޅެންޖެހޭ ދުވަސްދުވަހު ގޭގެ ކަންކަން ކުރަން އަނބިމީހާއަށް އުފުލަންޖެހޭ ބުރަ އިޙްޞާޞް ކުރެވޭނީ އެންމެ ދުވަހަކުވެސް އެގޮތަށް އުޅެންޖެހުނު މީހަކަށެވެ. މަންޒަރުބަލަން ތިބޭ މީހުންނަކަށް އިޙްޞާޞެއް ނުކުރެވޭނެއެވެ.
- ސަޢީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް