ބައެއް ފިރިން ބައްދަލުވާ އެންމެންގެ ވާހަކަތަކުގެ އަޑުއަހައެވެ. އެމީހުންނަށް ހިތާމައެއް ލިބިއްޖެނަމަ ކަންބޮޑުވެދެރަވެއެވެ. އުފާވެރިކަމެއް ލިބިއްޖެނަމަ އެއުފަލުގައި ބައިވެރިވެއެވެ. އެކަމަކު ތިމާގެ އަނބިމީހާގެ އަޑުއަހަން ބޭނުމެއް ނުވެއެވެ. ހިތާމައެއް ލިބުނަސް އުފާވެރިކަމެއް ލިބުނަސް ބައިވެރިވާންވެސް ބޭނުމެއް ނުވެއެވެ.
މިއީ ގިނަ ބައަކަށް ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އެހެން މީހުންގެ އަޑުއެހުމާއި އެހެން މީހުންގެ ކަންކަމުގައި ބައިވެރިވުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ތިމާގެ އަނބިމީހާ ދޫކޮށްލެވޭކަމެވެ. ބާކީކޮށްލެވޭ ކަމެވެ.
ރަނގަޅަށް އަޑުއަހާށެވެ! އަނބިމީހާގެ އަޑު ނުއަހާ، އޭނާގެ އިޙްޞާޞްތަކުގައި ބައިވެރިނުވާ ހަމަ އެކަކަށްވެސް ހަމަޖެހޭ ދިރިއުޅުމެއް ނުލިބޭނެއެވެ. އުފާވެރިކަމެއްވެސް ނުލިބޭނެއެވެ. އަދި އާޚިރުގައި ބާކީވާނީވެސް ތިމާއެވެ.
ކައިވެންޏަށްފަހު ދެމީހުންވެސް މިކަމަށް ސަމާލުކަންދޭންޖެހޭނެއެވެ. ނުދޭނަމަ އެކަންވެގެންދާނީ ދެމަފިރިންގެ ދެމެދަށް ވަންނަން އެހެން މީހަކަށް ދެވޭ ފުރުޞަތަކަށެވެ. އެފަދަ ކަމެއް މެދުވެރިވުމުން ބައިވެރިޔާ ކުށްވެރިކުރުމަކުން ޙާޞިލުކުރެވޭނެ އެއްވެސް ކުރިއެރުމެއް ނުއޮންނާނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން