ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުތަކުގައި އުސޫލާއި ޚިލާފަށް ކުނި އަޅާ ފަރާތްތަކަށް ފިޔަވަޅު އަޅައި ޖޫރިމަނާކުރަން އެ ކޯޕަރޭޝަނުން ފަށައިފިއެވެ. މި ފިޔަވަޅު އަޅަން ފަށާފައިވަނީ އިމާރާތްތަކުގެ ޢާންމު ސަރަޙައްދުތަކާއި ގްރައުންޑް ފްލޯ ހިމެނޭހެން، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ބައެއް ފަރާތްތަކުން ކުނި އަޅަމުންދާކަން ފާހަގަކުރެވިގެންނެވެ.
އެފްޑީސީން ހާމަކުރި ގޮތުގައި، އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، ޢާންމު ޞިއްޙަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވަމުންދާ ކަމުގެ ޝަކުވާ ވަނީ ލިބިފައެވެ. މިއީ އެ ކޯޕަރޭޝަނުން ކަނޑައަޅައި ޢާންމުކޮށްފައިވާ ކުނި އުކާލުމުގެ ޤަވާއިދާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް އެފްޑީސީން ވިދާޅުވެއެވެ.
ކުނި އުކާލުމުގެ އުސޫލުތަކަށް އަލިއަޅުވާލަމުން އެފްޑީސީން ވިދާޅުވީ، އިމާރާތްތަކުގެ ކޮރިޑޯތަކާއި ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރު ސަރަޙައްދުތަކަށް ކުނި އެޅުމާއި ޖަމާކުރުމަކީ މަނާކަމެއް ކަމަށެވެ. ގޭބިސީތަކުން އުފެދޭ ކުނި އުކާލަންވާނީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ ގާބޭޖު ރޫމްތަކުގައި އެކަމަށް ޚާއްޞަކޮށްފައި ހުންނަ ކުނިވަށިތަކަށް ކަމަށް އެ ކޯޕަރޭޝަނުން އިރުޝާދު ދެއެވެ.
މީގެއިތުރުން، ޔުނިޓުތަކަށް އަލަށް ބަދަލުވާއިރު އުފެދޭ ފޮށިގަނޑުތަކާއި، ފުޅިމަދު އަދި އެނޫންވެސް ތަކެތި އުސޫލުތަކާ އެއްގޮތަށް އުކާލުމަކީ ޔުނިޓުގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށްވެސް އެފްޑީސީން ވަނީ ހަނދާންކޮށްދީފައެވެ. އިމާރާތާއި ދިރިއުޅޭ މާޙައުލުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ކުނި އުކާލުމުގައި ހަމަޖެހިފައިވާ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެ ކޯޕަރޭޝަނުން ވަނީ ނަސޭހަތްތެރިވެފައެވެ.
އެފްޑީސީން ވިދާޅުވި ގޮތުގައި، ޤަވާއިދާ ޚިލާފަށް ކުނި އުކާ ފަރާތްތަކާ މެދު މިހާރު ވަނީ ޖޫރިމަނާ ތަންފީޒުކުރަން ފަށާފައެވެ. އެގޮތުން، މިހާތަނަށް އުސޫލާ ޚިލާފުވި ބައެއް ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން މަޢުލޫމާތު ދެއެވެ.