ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 3651 އެޕްލިކޭޝަން؛ ޑްރާފްޓް މަރުހަލާގައި 10،000 އެޕްލިކޭޝަން!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 3651 އެޕްލިކޭޝަން؛ ޑްރާފްޓް މަރުހަލާގައި 10،000 އެޕްލިކޭޝަން!

ސަރުކާރުން ހުޅުވާލާފައިވާ އާއިލީ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 3،651 އެޕްލިކޭޝަނެއް ފުރިހަމަކޮށް ހުށަހަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު ވިދާޅުވި ގޮތުގައި، މިހާތަނަށް ހުށަހަޅާފައިވާ ފޯމުތަކުގެ އިތުރުން، ޑްރާފްޓް މަރުހަލާގައި ނުވަތަ ފޯމު ފުރުމުގެ މަސައްކަތުގައި 10،000 އެއްހާ އެޕްލިކޭޝަން އުޅޭކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ތަރުހީބެއް ލިބެމުންދަނީ ފްލެޓަށް ކުރިމަތިލުމަށް ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފްލެޓްތަކަށް އޮތް ޑިމާންޑާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ފްލެޓުގެ ޑިމާންޑު ވަރަށް ބޮޑަށް އެބައޮތް. ވަރަށް ގިނަ ފަރާތްތަކުން ބޭނުން އެބަވޭ އެފަރާތްތަކުގެ އާއިލާއަށް ވަގުތުން ބޯހިޔާވަހިކަން ލިބެން. ބިމެއް ލިބިއްޖެއްޔާ އެތަން ތަރައްޤީކުރަން ޖެހޭނެ. ނީޑް އޮތީމަ އެފަރާތްތަކުން ކުރިމަތިލަނީ ބޮޑަށް ފްލެޓްތަކަށް. އެހެންވީމަ ފްލެޓްތަކުގެ ޑިމާންޑް ފުދޭވަރަކަށް ބޮޑުކޮށް ފެންނަނީ" ކަމަށެވެ.

މީގެ އިތުރުން، ފޯމު ފުރުމުގައި ގިނަ ވަގުތު ނެގިކަމުގައި ވީނަމަވެސް، ހުރިހާ މައުލޫމާތެއް ރަނގަޅަށް ފުރިހަމަކުރުމަށް ވަޒީރު ވަނީ އިރުޝާދު ދެއްވާފައެވެ. މިއީ ފޯމުތައް އިވެލުއޭޓް ކުރުމުގައި ދިމާވެދާނެ މައްސަލަތަކުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފަހަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އެއްވެސް ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް އެކަން ކަށަވަރުކޮށްދިނުމަށެވެ. މިކަން ޔަގީންކުރުމަށްޓަކައި މިނިސްޓްރީން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަދު އޮންލައިން