ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު މާލެ ސިޓީގައި ޙިފްޒްކޮށް ތަރާވީޙް ނަމާދުކުރާނެ މިސްކިތްތަކާއި، ޙިފްޒްނުކޮށް ތަރާވީޙް ނަމާދުކުރާނެ މިސްކިތްތަކުގެ ލިސްޓު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން މިއަދު އިއުލާންކޮށްފިއެވެ.
ޙިފްޒްކޮށް ތަރާވީޙް ނަމާދުކުރާ މިސްކިތްތައް:
މިނިސްޓްރީން ހާމަކުރި ގޮތުގައި މާލެ ސިޓީގައި ޖުމްލަ 24 މިސްކިތެއްގައި ޙިފްޒްކޮށް ތަރާވީޙް ނަމާދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުތަމް (އިސްލާމީ މަރުކަޒު)، މަސްޖިދުލްމަލިކީ ސަލްމާން، މަސްޖީދުލްފުރުން، މަސްޖީދުއްނޫރު، މަސްޖިދުއްޝަހީދު އަލީ، މަސްޖިދުއްސުލްޠާން ޙަސަން އިއްޒުއްދީން (ޠައިބާ މިސްކިތް)، މަސްޖިދުއްސުލްތާން މުޙައްމަދު ފަރީދުލް އައްވަލު (ދުބުރި މިސްކިތް) އަދި މަސްޖިދު ޝަހީދު އަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް) ހިމެނެއެވެ.
މީގެ އިތުރުން މަސްޖިދުއްސުލްޠާނުލްއާދިލު، މަސްޖީދު ޖަލާލުއްދީން، މަސްޖިދު އިބްރާހީމް (އިބްރާހީމް މިސްކިތް)، މަސްޖީދު އިސްކަންދަރު، މަސްޖިދު ޢަލީ ޙުސައިން (މާވެޔޮ މިސްކިތް)، މަސްޖިދުއްސުލްތާން މުޙައްމަދު ޢިމާދުއްދީން (ރަން މިސްކިތް)، މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް) އަދި ވިލިމާލޭގައި ހުންނަ މަސްޖިދުލްއިޚްލާޞް (ސޮނީ މިސްކިތް) ގައި ވެސް ޙިފްޒްކޮށް ތަރާވީޙް ކުރާނެއެވެ. ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން މަސްޖީދުލްއަޞްދިޤާ، މަސްޖިދުއްޝައިޚް ގާސިމް ބިން މުޙައްމަދު އާލްޘެނީ، މަސްޖިދު ޢަޒީޒާ މޫސާ، މަސްޖީދު މުޙައްމަދު، މަސްޖިދުލްވާލިދައިނީ، މަސްޖިދު އަމީލު ޖަލީލު، މަސްޖީދު ޙަސަން އާދަމް އަދި މަސްޖިދުލްއިމާން ހިމެނެއެވެ.
ޙިފްޒްނުކޮށް ތަރާވީޙް ނަމާދުކުރާ މިސްކިތްތައް:
ޙިފްޒްނުކޮށް ތަރާވީޙް ނަމާދުކުރުމަށް ހަމަޖެހިފައިވަނީ 23 މިސްކިތެއްގައެވެ. އޭގެ ތެރޭގައި މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ (ވިޔަފާރިވެރިންގެ މިސްކިތް)، މަސްޖިދުއްސުލްތާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)، މަސްޖީދު ޞަލާޙުއްދީން، މާފަންނު އާމިސްކިތް، މަސްޖިދު ޔޫސުފް ބަރުކަރީ، މަސްޖިދް އަފީފުއްދީން، މަސްޖިދް ޒިކުރާ، މާލެ ހުކުރު މިސްކިތް، މަސްޖީދުއްތައާވުން، ޒިޔާރަތް މިސްކިތް، އީދު މިސްކިތް، ދަރުމަވަންތަ ރަސްގެފާނު މިސްކިތް އަދި ބިހުރޯޒް ކަމަނާ މިސްކިތް ހިމެނެއެވެ.
މީގެ އިތުރުން މަސްޖީދުއްތަޤްވާ، މަސްޖިދުލްބިއްރި، މަސްޖީދުއްސަލާމް، މަސްޖިދު ޢުމަރު ބުނުލްޚައްޠާބު، މަސްޖީދު ޒައިދު ބުން ތާބިތު، މަސްޖީދުލްއަމާނީ، މަސްޖީދު ރަޝިދު، މަސްޖީދު ޝާކިރީން، މަސްޖީދު އަބީބަކުރުނިއްޞިއްދީޤް އަދި މަސްޖިދު ޢުޘްމާން ބިން ޢައްފާންގައި ވެސް ތަރާވީޙް ނަމާދު ކުރާނީ ޙިފްޒްނުކޮށެވެ.
އިސްލާމިކް މިނިސްޓްރީން މި ލިސްޓު އިއުލާންކޮށްފައިވަނީ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުންނާއި، އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ނަމާދުކުރާނެ މިސްކިތްތައް އިޚްތިޔާރު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.