މަސްދަޅު ކޭސް ބެހުން މިރޭ 23:00 އަށް ނިންމާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
މަސްދަޅު ކޭސް ބެހުން މިރޭ 23:00 އަށް ނިންމާލަނީ

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސްތައް ބެހުމުގެ އެންމެ ފަހުގެ ކަންކަން މިރޭ 23:00 އަށް ނިންމާލާނެ ކަމަށް ސިޓީތަކާއި އިދާރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ ރަމަޟާން މަހާ ގުޅިގެން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރުމަށް ސަރުކާރުން ނިންމާފައިވާ މަސްދަޅު ކޭސްތަކެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސިޓީތަކާއި އިދާރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޔޫސުފް އަބްދުލް ޣަފޫރް ވިދާޅުވީ، މަސްދަޅުތައް ބެހުމުގެ ކަންކަން ކުރިއަށްދިޔައީ ވަރަށް އަމާންކަމާއެކު ކަމަށެވެ. އަދި މިހާތަނަށް އެއްވެސް މައްސަލައެއް ދިމާވެގެން ރިޕޯޓްކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަތޮޅުތެރޭގެ ރަށްތަކަށް މަސްދަޅު ފޮނުވުމުގެ މަސައްކަތާ ގުޅޭގޮތުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، "އަތޮޅުތެރެއަށް ބެހުމަށް ފޮނުވަން ހުރި ހުރިހާ މަސްދަޅުކޭސް ތަކެއް މިހާރު ވަނީ ފޮނުވާ ނިމިފައި. މަދު ރަށެއްގައި ފިޔަވާ ހުރިހާ ގޭބިސީއަކަށް މިހާރު ވާނީ މަސްދަޅު ކޭސްތައް ހަވާލުކުރެވިފައި،" ކަމަށެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި މަސްދަޅު ބެހުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ 15 ތަނެއްގައެވެ. ޣަފޫރު ވިދާޅުވި ގޮތުގައި ރެޔާ ހަމަޔަށް މާލެ ސަރަހައްދުގެ 43،923 ގޭބިސީއަކަށް ވަނީ މަސްދަޅު ކޭސް ދޫކޮށްފައެވެ.

މިރޭ އެންމެ ފަހުވަގުތާ ހަމަޔަށް ވެސް މަސްދަޅުކޭސް ނުލިބޭ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށް ވުޒާރާއިން ބުނެއެވެ. އަދި އަތޮޅުތެރެއަށް މަސްދަޅުކޭސް ބެހުމުގައި ކުދިކުދި ލޮޖިސްޓިކް މައްސަލަތަކެއް ކުރިމަތިވި ނަމަވެސް، އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ސްޓޭޓް މިނިސްޓަރ ޔޫސުފް އަބްދުލް ޣަފޫރް ވިދާޅުވިއެވެ.

މިއަދު އޮންލައިން