ކުރިއަށްއޮތް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލުން މާދަމާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މި ގުރުއަތުލުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްދާނީ އެއް ވަގުތެއްގައެވެ.
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މާލެއާއި އަތޮޅުތަކުގެ ސިޓީތަކާއި ރަށްތަކުގައިވެސް ގުރުއަތުލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައެވެ. މާލެ ސިޓީގައި ގުރުއަތުލުން ކުރިއަށްދާނީ މާފަންނުގައި ހުންނަ އިންތިޚާބާ ބެހޭ މަރުކަޒު (ކުރީގެ ޑްރަގް ކޯޓު ހިންގި އިމާރާތް) ގައެވެ.
އިލެކްޝަންސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ވިޝާލް ސަޢީދު ވިދާޅުވީ، ސިޓީތަކާއި އެހެނިހެން ރަށްތަކުގައި ގުރުއަތު ނެގުން ކުރިއަށްދާނީ އެ ރަށެއްގެ ކައުންސިލް އިދާރާގައި ނުވަތަ ކައުންސިލުން ކަނޑައަޅާ ވަކި ތަނެއްގައި ކަމަށެވެ. "ސިޓީތަކާއި އެހެނިހެން ރަށްތަކުގައި ގުރުއަތު ނެގުން ކުރިއަށްދާނީ ކައުންސިލް އިދާރާގައި ނުވަތަ އެރަށެއްގެ ކައުންސިލުން ކަނޑައަޅާ ތަނެއްގައި،" ވިޝާލް ވިދާޅުވިއެވެ.
މި ގުރުއަތުލުމަކީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ބެލޮޓް ކަރުދާހުގައި ތަރުތީބުކުރާނެ ނަންބަރު ކަނޑައެޅުމަށް ބާއްވާ ރަސްމިއްޔާތެކެވެ. އިންތިޚާބާ ގުޅޭ އިދާރީ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން ބާރުސްޕީޑުގައި ކުރިއަށްގެންދާއިރު، މާދަމާގެ ގުރުއަތުލުމަކީ މި ތައްޔާރީތަކުގެ މުހިންމު މަރުޙަލާއެކެވެ.