މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލަކަށް ހެދުމަށް އިސްލާހެއް ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލަކަށް ހެދުމަށް އިސްލާހެއް ހުށަހަޅައިފި

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި ބިލު ވަނީ މެންބަރުންގެ އިއްތިފާގުން ބަލައިގެންފައެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމެވެ. ބިލު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށްވާއިރު، މިސްކިތްތަކަށް ގެއްލުން ދިނުމުގެ އަމަލުތައް އިތުރުވަމުންދާތީ އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ. މި ބިލުގެ މަގްސަދަކީ މިސްކިތްތަކުގެ ކަރާމާތް ހިފެހެއްޓުމާއި، އެ ތަންތަނަށް ލިބިދޭންޖެހޭ ލޯތްބާއި އިހުތިރާމާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިސްކިތްތަކަށް ގެއްލުންދޭ މީހުންނަށް އަދަބުން ރެކުމުގެ ފުރުސަތު އޮންނަކަން ފާހަގަކުރައްވަމުން މުޙައްމަދު އިބްރާހިމް ވިދާޅުވީ، "މިސްކިތްތަކަށް ގެއްލުންދޭ ކޮންމެ ފަހަރަކު އެމީހަކީ ބުއްދިގޯސް މީހަކަށްވެފައި އެކަމުން ސަލާމަތްވުމުގެ ޖާގަ މި އޮންނަކީ ވަރަށް ފުޅާކޮށް. މިކަން އަޅުގަނޑުމެން ހުއްޓުވަންޖެހޭ. ބުއްދި ގޯސް މީހާ ގެއްލުންދޭ ހަމައެކަނި ތަނަކީ މިސްކިތްތައް ކަމަށްވަންޏާ އެއީ ވަރަށް ބޮޑު ޖޯކެއް،" ކަމަށެވެ. އަދި މިސްކިތްތަކަކީ ރައްކާތެރި ތަންތަނަށް ވާންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބިލަށް ބަހުސް ކުރައްވަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ އިސްލާމީ ވަހުދަތު ހިފެހެއްޓުމަށް ބޮޑު އިސްކަމެއް ދެއްވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން، ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މި ބިލަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ފަލާހު އިތުރަށް ވިދާޅުވީ، "މިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް ކަނޑައަޅަން މި ހުށަހަޅާފައިވާ އިސްލާހަކީ ހަގީގަތުގައި އަޅުގަނޑުމެން މި ސަރުކާރުން މިއަށް ތާއީދު ކުރާނެ" ކަމަށެވެ. އަދި ކޮމިޓީ މަރުހަލާގައި މި ބިލުގެ މަސައްކަތް އަވަސްކޮށް، ވީހާވެސް އަވަހަށް ފާސްކުރުމަށް ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕުން މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމާ ގުޅިގެން، ދެން ކުރިއަށްދާނީ ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކުރުމުގެ މަސައްކަތެވެ.

މިއަދު އޮންލައިން