"ގެސްޓްހައުސް ފައިނޭންސިންގ" އަދި "ގެސްޓްރޫމް ފައިނޭންސިންގ" ގެ ނަމުގައި 2 ލޯނެއް ތަޢާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
"ގެސްޓްހައުސް ފައިނޭންސިންގ" އަދި "ގެސްޓްރޫމް ފައިނޭންސިންގ" ގެ ނަމުގައި 2 ލޯނެއް ތަޢާރަފުކޮށްފި

ރަށު ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި، "ގެސްޓްހައުސް ފައިނޭންސިންގ" އަދި "ގެސްޓްރޫމް ފައިނޭންސިންގ" ގެ ނަމުގައި ދެ ފެސިލިޓީއެއް ތަޢާރަފުކޮށްފިއެވެ. މިއީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކޮށްފައިވާ ދެ ފެސިލިޓީއެއް ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މަޢުލޫމާތު ދެއެވެ.

މި ފައިނޭންސިންގެ މައިގަނޑު މަޤްޞަދަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހުރި މާލީ ހުރަސްތައް ނައްތާލައި، ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތައް އަލަށް ފެށުމަށާއި، ތަރައްޤީކުރުމަށް ލުއި ގޮތްތަކެއް ހޯދައިދިނުމެވެ. މީގެ ތެރެއިން ގެސްޓްހައުސް ފައިނޭންސިންގ އަކީ މަދުވެގެން 6 ކޮޓަރީގެ ގެސްޓްހައުސް އަލަށް އިމާރާތްކުރުމަށާއި، މިހާރު ހިންގާ ތަންތަނަށް ކޮޓަރި އިތުރުކުރުމާއި ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފްކުރުމަށް ހުޅުވާލާފައިވާ ފުރުޞަތެކެވެ.

މި ފެސިލިޓީގެ ދަށުން ފުރަތަމަ ފަހަރަށް ފައިނޭންސިންގ ލިމިޓް ވަނީ 10،000،000 (ދިހަ މިލިއަން) ރުފިޔާއަށް އިތުރުކޮށްފައެވެ. މި މަޝްރޫޢުތަކުގެ ޖުމްލަ ޚަރަދުގެ ތެރެއިން މަދުވެގެން %20 އަމިއްލަ އަތުން ހަމަޖައްސަން ޖެހޭއިރު، ފައިސާ އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މީގެ ތެރޭގައި 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ.

ގެސްޓް ރޫމް ފައިނޭންސިންގ އަކީ ގިނަވެގެން 5 ކޮޓަރިއާ ހަމައަށް، ޓޫރިސްޓުންނަށް އަމާޒުކޮށްގެން ހިންގާ ހޯމްސްޓޭ ވިޔަފާރިތަކަށާއި ލޯކަލް ގެސްޓްހައުސްތަކަށް ޚާއްޞަ ފެސިލިޓީއެކެވެ. މި ފެސިލިޓީގެ ދަށުން 1،500،000 (އެއް މިލިއަން ފަސްލައްކަ) ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރެވޭނެއެވެ.

މި ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކަށްވެސް %20 އަމިއްލަ އަތުން ޚަރަދުކުރަން ޖެހޭނެއެވެ. މި ލޯނު އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން މަޢުލޫމާތު ދެއެވެ.

މިއަދު އޮންލައިން