ހާފިޒުން އިމްތިޙާނުކުރާ ކޮމިޓީއެއް ޅ. އަތޮޅުގައި އެކުލަވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ހާފިޒުން އިމްތިޙާނުކުރާ ކޮމިޓީއެއް ޅ. އަތޮޅުގައި އެކުލަވާލަނީ

ޅ. އަތޮޅުގައި ހާފިޒުން އިމްތިޙާނުކުރާ ކޮމިޓީއެއް އެކުލަވާލުމަށް ނިންމާފައިވާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިޢުލާނު ކުރައްވައިފިއެވެ. ވަޒީރު މިކަން ހާމަކުރެއްވީ މިއަހަރުގެ ޙާފިޒުން ދަސްވެނިވުމުގެ ޙަފްލާގެ އެންމެހައި ކަންކަން ފުރިހަމަ ކުރެވިފައިވާކަން ހާމަކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ، މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ޢަދަދަކަށް ޙާފިޒުން ދަސްވެނިވާ އަހަރު ކަމަށެވެ. އެގޮތުން މިއަހަރު އަލަށް 31 ޙާފިޒުން ދަސްވެނިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކުރިއަށްގެންދާ ޙާފިޒުކަމުގެ އިމްތިޙާނަކީ ވަރަށް އިތުބާރު ހުރި ނިޒާމެއްގެ ދަށުން ކުރިއަށްގެންދާ ކަމެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީތަކުގައި ތިއްބަވަނީ ވަރަށް ތަޖުރިބާކާރު ޙާފިޒުން ކަމަށެވެ.

އިމްތިޙާނު ކުރިއަށްދާ ގޮތުގެ ތަފްޞީލު ދެއްވަމުން ވަޒީރު ވިދާޅުވީ، ކޮންމެ ދަރިވަރަކުވެސް ކޮންމެ ދުވަހަކު މަދުވެގެން އެއް ފޮތް ހިތުން ކިޔައިދީ، މުޅި ޤުރުއާން އެއްކޮށް ހިތުން ކިޔައިދީ ނިންމަންޖެހޭ ކަމަށެވެ. އަދި ބައެއް ދަރިވަރުން ދުވާލަކު ދެ ފޮތްވެސް ކިޔައިދޭކަމަށާއި، މި މިންވަރު ކަނޑައަޅާނީ ދަރިވަރުގެ ޙާލަތަށް ބަލައި ޤުރުއާން މަރުކަޒުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޅ. އަތޮޅުގައި މިފަދަ ކޮމިޓީއެއް އެކުލަވާލުމަކީ އެ ސަރަޙައްދުގެ ދަރިވަރުންނަށް ޙާފިޒުކަމުގެ އިމްތިޙާނު ފުރިހަމަކުރުމަށް ލިބިގެންދާނެ ބޮޑު ލުޔެއްގެ ގޮތުގައި ބެލެވެއެވެ.

މިއަދު އޮންލައިން