ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތަސް އަދި ބިންވެރިޔާ ސްކީމުން ދޫކުރި ޖޮއިންޓް ގޯތިތައް ދޫކޮށްލާނަމަ، އޭގެ ތެރެއިން ކޮންމެ މީހަކަށް ވަކީން ގޯތި ލިބޭނެ ގޮތަށް އުސޫލު ބަދަލުކޮށް، އިތުރު ކުރި ކެޓަގަރީއަށް އަންނަ މާޗު މަހު ހުޅުވާލާނެ ކަމަށް ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ މި ކެޓަގަރީތަކާއި ގުޅޭ އުސޫލުގައި ހިމަނާނެ ޝަރުތުތަކާއި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅައި އުސޫލު ފައިނަލް ކުރުމުގެ މަސައްކަތްތައް ކަމަށެވެ. މި ބަދަލުގެ ސަބަބުން ބިންވެރިކަމެއް ނެތް އާއިލާތަކަށް އެ ފުރުސަތު ހޯދައިދެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޖޮއިންޓު ގޯތި ލިބުނު މީހުންގެ ކެޓަގަރީއިން ޝަރުތު ހަމަވާނީ އޭގައި ހިމެނޭ އެންމެން ބިން ދޫކޮށްލަން އެއްބަސްވާނަމަ ކަމަށާއި، މިގޮތަށް މިކަން ކުރަނީ އިޖުތިމާއީ މައްސަލަތައް ކުޑަކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައިވަނީ، ބިންވެރިޔާ ސްކީމުން ބިން ލިބުނު އެތައް ބަޔަކު އާއިލީ އަދި އެހެނިހެން މައްސަލަތަކާހެދި ވަކިން ގޯތި ލިބުމަށް އެދެމުންދާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، މިހާރު ލިބިފައިވާ ގޯތި އެންމެން ރުހި، އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ވަކި ވަކިން އެންމެނަށް ގޯއްޗަށް ކުރިމަތިލެވޭނެ ގޮތަށް އުސޫލު ބަދަލު ކުރައްވާނެއެވެ. މީގެ އިތުރުން ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތި ލެވޭނެ ގޮތަށް އުސޫލު ބަދަލު ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ އިއުލާނު ކުރައްވާފައެވެ.
މި އައު އުސޫލުގެ ދަށުން ރަސްމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ 15,000 ގޯތީގެ ތެރެއިން 1,000 ގޯތި އެކަމަށް ޚާއްސަ ކުރެއްވުމަށް ވަނީ ނިންމަވާފައެވެ. މި ނިންމުމަކީ ގިނަ ބައެއްގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.