ސިއްޙީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުންގެ ލިސްޓުގައި ރައީސް ޑރ. މުޢިއްޒު ހިމެނިވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ސިއްޙީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުންގެ ލިސްޓުގައި ރައީސް ޑރ. މުޢިއްޒު ހިމެނިވަޑައިގެންފި

ދުނިޔޭގެ މަޝްހޫރު "ޓައިމް" މެގަޒިންއިން ހޮވާ ސިއްޙީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުންގެ ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅު، "ޓައިމް100 ހެލްތު 2026" ގައި ހިމެނިވަޑައިގެންފައިވަނީ ރާއްޖޭގެ އާންމު ޞިއްޙަތު ކުރިއެރުވުމަށް އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ޓައިމް މެގަޒިންއިން ފާހަގަކޮށްފައިވާ ގޮތުގައި، ރައީސް މުޢިއްޒު މި ލިސްޓުގައި ހިމެނިވަޑައިގެންނެވި މައިގަނޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެމަނިކުފާނު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކެވެ. މިގޮތުން ރާއްޖޭގެ އާންމު ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި އެމަނިކުފާނު އިސްވެ ހުންނަވައި ނިންމަވާފައިވާ ނިންމެވުންތަކަށް ބައިނަލްއަޤުވާމީ ސަމާލުކަން ވަނީ ލިބިފައެވެ.

އެ މެގަޒިންގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދެއްވައި، މި ދާއިރާ ހަރުދަނާކުރެއްވުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅުއްވާފައެވެ. މީގެ ތެރޭގައި ސިއްޙީ ދާއިރާގެ އާ އުސޫލުތަކާއި ބައެއް ޤާނޫނުތައް ވުޖޫދަށް ގެނައުމުގެ އިތުރުން، މިހާރު ހުރި ޤާނޫނުތަކަށް މުހިންމު އިސްލާހީ ބަދަލުތަކެއް ގެންނެވިކަން ފާހަގަކޮށްފައިވެއެވެ.

މި ޝަރަފުވެރި ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަތުމަކީ ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤުވާމީ ފެންވަރުގައި ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. މިއީ ރާއްޖޭގެ އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ހަރުދަނާކަން ހާމަވެގެންދާ ކަމެއްގެ ގޮތުގައި ބެލެވެއެވެ.

މިއަދު އޮންލައިން