މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ބެލުން އަންނަ ހަފްތާގެ އަންގާރަ ދުވަހު ކުރިއަށް ގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.
ޑީޖޭއޭ އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މާލޭގައިނަމަ ހެކިބަސް އަދާކުރާނީ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި ހަނދު ފެނިގެން ހެކިބަސް އަދާކުރާނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ. އަދި މެޖިސްޓްރޭޓެއް ޤާއިމުވެ ނެތް ރަށެއްގައިނަމަ، އެ ވަގުތަކު އެ ރަށުގެ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ޙަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައި ހެކިބަސް ދެވޭނެ ކަމަށް ޑީޖޭއޭ އިން މައުލޫމާތުދެއެވެ.
ހަނދު ފެނިގެން އެ މަޢުލޫމާތު ހިއްސާކުރާއިރު، ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މި ނޫން ވެސް މިފަދަ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދޭން ޖެހޭނެއެވެ. ރަމަޟާންމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މިމަހު 17 ވާ އަންގާރަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ އިތުރުން ކައުންސިލް އިދާރާތައް ހުޅުވާފައި ހުންނާނެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވާ ބުދަ ދުވަހެވެ. ރަމަޟާން މަހުގެ ހަނދާ ބެހޭ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއްވާ ރަސްމީ ބަޔާން އިއްވުން އޮންނާނީ އަންގާރަ ދުވަހުގެ ރޭ ބާއްވާ ހަނދާ ބެހޭ ޚާއްޞަ ޖަލްސާގައެވެ.