އާންމުން ހުށަހަޅާ ޕެޓިޝަންތަކުގައި ސޮއި ކުރާނީ އެ ޕެޓިޝަނެއްގައި ސޮއިކުރަން އާންމުކޮށް ހުޅުވާލުމުން: ރައްޔިތުންގެ މަޖިލިސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އާންމުން ހުށަހަޅާ ޕެޓިޝަންތަކުގައި ސޮއި ކުރާނީ އެ ޕެޓިޝަނެއްގައި ސޮއިކުރަން އާންމުކޮށް ހުޅުވާލުމުން: ރައްޔިތުންގެ މަޖިލިސް

އާންމު ރައްޔިތުން ހުށަހަޅާ ޕެޓިޝަންތަކުގައި ސޮއިކުރެވޭނީ، އެ ޕެޓިޝަނެއްގައި ސޮއިކުރުމުގެ ފުރުސަތު މަޖިލީހުން އާންމުކޮށް ހުޅުވާލުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނެފިއެވެ. މަޖިލީހުން މިކަން ހާމަކުރީ އޮންލައިންކޮށް ޕެޓިޝަން ހުށަހެޅުމަށް ތައާރަފުކުރި 'އީ-ޕެޓިޝަން ޕޯޓަލް' މެދުވެރިކޮށް ހުށަހަޅާ ބައެއް ޕެޓިޝަންތަކުގެ ޝަރުތު ހަމަވާކަމަށް ކަނޑަނާޅަނީސް އާންމުންގެ ސޮއި ހޯދަމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ.

މަޖިލިސް އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީ-ޕެޓިޝަން ޕޯޓަލްގައި ޕެޓިޝަނެއް އާންމުކުރުމަށް އެދި ހުށަހެޅުމަށްޓަކައި ބޭނުންވާނީ ފަސް ސޮއި ކަމަށެވެ. އެ ފަސް ސޮއި ހަމަވުމުން، ޕެޓިޝަން ތައްޔާރުކުރި ފަރާތުން އެ ޕެޓިޝަނެއް އާންމުކުރުމަށް އެދި ޕޯޓަލް މެދުވެރިކޮށް މަޖިލީހަށް ފޮނުވަން ޖެހޭނެއެވެ.

ޕެޓިޝަނެއް އާންމުކުރުމަށް އެދި ހުށަހެޅުމުން، މަޖިލީހުގެ ގަވާއިދުގެ ދަށުން ޕެޓިޝަން ކޮމިޓީއަށް ހަމަޖައްސާފައިވާ މުވައްޒަފުން އެ ޕެޓިޝަނެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލާނެއެވެ. ޝަރުތު ފުރިހަމަވާނަމަ، އެ ޕެޓިޝަނެއް އާންމުކޮށް ސޮއިކުރުމަށް ހުޅުވާލާނެ ކަމަށް މަޖިލީހުން ބުނެއެވެ.

މަޖިލީހުގެ ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕޯޓަލް މެދުވެރިކޮށް އާންމުކޮށް ސޮއިކުރުމަށް ހުޅުވާނުލާހާ ހިނދަކު، އެއީ މަޖިލީހުގެ ގަވާއިދުގައިވާ ޝަރުތުތައް ފުރިހަމަވާ ޕެޓިޝަނެއް ކަމަށް ނުބެލެވޭނެއެވެ. "އެ ހާލަތުގައި ޕެޓިޝަނަކީ ޕެޓިޝަން ހުށަހަޅާ ފަރާތުގެ އަމިއްލަ 'ޕެޓިޝަނެކެވެ'" ކަމަށް މަޖިލީހުން ބުނެފައިވެއެވެ.

އެހެންކަމުން، އެއްވެސް ޕެޓިޝަނެއްގައި ސޮއިކުރުމުގެ ކުރިން، އެއީ ޕޯޓަލްގައި ޝާއިޢުކޮށްފައިވާ "ސޮއި ހޯދަމުންދާ ޕެޓިޝަން" ތަކުގެ ތެރޭގައި ހިމެނޭ ޕެޓިޝަނެއްތޯ ކަށަވަރުކުރުމަށް މަޖިލީހުން ވަނީ އިލްތިމާސްކޮށްފައެވެ. ޕެޓިޝަން ހުށަހަޅާ ފަރާތްތަކަށް ބޭނުންވާ އިރުޝާދުތައް އެ ފަރާތްތަކުން އީ-ފާސްގައި ރަޖިސްޓަރީކޮށްފައިވާ އީމެއިލް މެދުވެރިކޮށް ލިބެމުންދާނެ ކަމަށްވެސް މަޖިލީހުން ބުނެފައިވެއެވެ.

މިއަދު އޮންލައިން