ސައިންސްގެ ދާއިރާއަކީ ވަކި ބަޔަކަށް ޚާއްޞަ ދާއިރާއެއް ކަމަށް ދެކޭ ދެކުންތަކުގެ ސަބަބުން، އަންހެން ކުދިންނަށް އަދިވެސް ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދިންގެ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ސައިންސްގެ ދާއިރާއަކީ ވަކި ބަޔަކަށް ޚާއްޞަ ދާއިރާއެއް ކަމަށް ދެކޭ ދެކުންތަކުގެ ސަބަބުން، ގޭތެރެއާއި ކްލާސްރޫމްތަކުގައި އަދި މަސައްކަތުގެ މާޙައުލުގައި އަންހެން ކުދިންނަށް އަދިވެސް ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށެވެ.
މި ދުވަހުގެ މުނާސަބަތުގައި އެ ދާއިރާއިން އަންހެނުން ހޯދަމުންދާ ކާމިޔާބީތަކުގެ އަގުވަޒަންކުރައްވަމުން، މިއީ ސައިންސްގެ ދާއިރާއިން ކުރިއަށް ދިއުމަށް ހުވަފެން ދެކޭ އަންހެން ކުދިންނާއި، އެކުދިންނަށް ހިތްވަރު ދޭ ބެލެނިވެރިންނާއި މުދައްރިސުންގެ މަސައްކަތް ފާހަގަކުރުމަށް ޚާއްޞަ ދުވަހެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަމަނާގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، އަންހެން ކުދިންގެ ހުނަރާއި ޤާބިލުކަން ފުރިހަމައަށް ބޭނުން ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެކުދިންނަށް ލިބޭ ހިތްވަރާއި ފުރުޞަތުތައް މަދުވުން ކަމަށެވެ. އަދި މި ހުރަސްތައް ގިނަ ފަހަރަށް ކުރިމަތިވަނީ ކުދިންގެ އުމުރުގެ ކުރީކޮޅުގައި ކަމަށާއި، މިއީ ދުނިޔޭގެ ފެންވަރުގައި ކުރިމަތިވެފައިވާ ސީރިއަސް ގޮންޖެހުމެއް ކަމަށްވެސް ވިދާޅުވިއެވެ.
"ދިރާސާތަކުން ދައްކާގޮތުގައި ސައިންސާއި، ހިސާބު ފަދަ މާއްދާތަކުން އަންހެން ކުދިންނަކީ ފިރިހެން ކުދިންނާ އެއްވަރަށް ނުވަތަ އެއަށްވުރެ މޮޅަށްވެސް ނަތީޖާ ހޯދާ ކުދިން،" މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ވަކި އަމާޒެއްގެ ދަށުން މަސައްކަތްކޮށް، އަންހެން ކުދިންނަށް ސައިންސްގެ ދާއިރާއިން އޮތް ފުރުޞަތުތައް އިތުރުކުރުމަށް އެންމެހައި ފަރާތްތަކަށް ޢިލްތިމާސް ކުރައްވާފައެވެ.