ޢިބްރަތްތެރި ވާހަކަ: ނުކުޅެދޭ ޙާލުގަ އޮތް އަނބިމީހާއަށާ 2 ދަރިންނަށް އެހީވުމަށް މީހަކާ ގުޅުނު އަންހެނަކަށް ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ޢިބްރަތްތެރި ވާހަކަ: ނުކުޅެދޭ ޙާލުގަ އޮތް އަނބިމީހާއަށާ 2 ދަރިންނަށް އެހީވުމަށް މީހަކާ ގުޅުނު އަންހެނަކަށް ލިބުނު
އުފާވެރި ދިރިއުޅުމުގެ ވާހަކަ-

ދާދިފަހުން އެކުވެރި އަންހެނަކު ކިޔައިދިން ވާހަކައެއް ކިޔައިދޭނަމެވެ. 

އޭނާ ބުނީ ފިރިމީހާ އޭނާ ވަރިކުރިތަނާހެން މީހުން ގުޅަން ފަށައިފިއެވެ. ގިނައިން ގުޅަނީ މީހުންގެ ފިރިންނެވެ. އެއްވެސް މީހެއްގެ ގާތަކު ނުރުހޭ ކަމަކަށް ނުބުނަމެވެ. އޭނާގެ އަނބިމީހާގެ ހުރި އުނިކަންކަން ބަޔާންކުރުމުން ބުނަނީ އަނބިމީހާ އާއި ވާހަކަދައްކާލައި އޭނާ ބުނާ ބަހެއްވެސް އުޅުންފިލުވައިލަން ބޭނުން ކަމަށެވެ. އެހެން ބުނުމުން ފަހަކުން ނުގުޅައެވެ.

މިގޮތަށް ކަންތައްތައް ވަމުން އައިސް އެކަކު ހަމަ އެފަދަ ވާހަކަތަކެއް ދެއްކުމުން ހަމައެގޮތަށް ޖަވާބު ދިނުމުން އޭނާ އެއްވެސް ޖެހިލުމެއް ނެތި އަނެއް ދުވަހު ހަވީރު އެގެއަށްދާން ދަޢުވަތުދިނެވެ. މިއީ މިގޮތަށް ދިމާވި ފުރަތަމަ ކަންތައްކަމަށްވުމުން އެގެއަށް ދިއައީ ހަމަ ޙަޤީޤަތް ދެނެގަތުމުގެ ބޭނުމުގައެވެ.  

ފެނުނު މަންޒަރުން ވަރަށް ދެރަވިއެވެ. ޒުވާން ދެމަފިރިންނެވެ. ދެވަނަ ދަރިފުޅު ނުވިއްސިގެން ސިޒޭރިއަން ހަދަން އައްސިކުރަން މައިބަދައަށް އިންޖެކްޝަން ޖެހުނު ގޮތަކުން ތިރީކޮޅުގައި ވާތްގެއް ނެތެވެ. އޮފީހަށްދަމުން 2 ދަރިންނާ އަނބިމީހާ ބަލަމުން ފިރިމީހާ އުޅެނީ ވަރަށް ބުރަކޮށެވެ.  

އަހުރެންގެ ހިތުގައި އެދެމަފިރިންނަށާއި ކުޑަކުޑަ 2 ކުދިންނަށް ރަޙުމް އުފެދުނެވެ. އެދެމަފިރިންނަށް އެހީތެރިވެދޭން ނިންމީމެވެ. އަދި ކައިވެނި ނުކުރިނަމަވެސް އެހީތެރިވެދޭންހުރިކަމަށް ބުނީމެވެ.  

ކޮންމެއަކަސް ޢާއިލާ އާއި އުފެދުނު ގުޅުމުގެ ތެރެއިން ކައިވެނި ކުރެވުނެވެ. އެގޭގައި ދެމަފިރިންނާއި 2 ދަރިންގެ ޚިދުމަތުގައި އުޅެންފެށީމެވެ. އަހުރެން އޭނާދެކެވެސް ޢާއިލާދެކެވެސް ލޯބިވީ ﷲ އަށްޓަކައެވެ.  

ނަތީޖާއަކީ 3 އަހަރު ފަހުން އަހުރެން ބަލިވެ އިންތަނާ ދޮށީ އަނބިމީހާއަށް ޝިފާލިބި ހިނގައި އުޅެވުމެވެ. މިހާރު ކައިވެންޏަށް 8 އަހަރެވެ. 2 އަނބިން އުޅެމުން މިގެންދަނީ އެއްބަނޑު އެއްބަފާ ދެއަންހެނުން ފަދައިން އެކުވެރިކަމާއިއެކުގައެވެ.  

ދެން އޮތީ ފިރިމީހާގެ ވާހަކައެވެ. އެއީ މިޒަމާނަށް ބަލައިފިނަމަ ޖަވާހިރެއްފަދަ ރަނގަޅު ފިރިއެކެވެ. އަޅުގަނޑާއި ކައިވެނިކުރުމަކުން ކުރީގެ އަނބިމީހާއަކަށް ދެރަގޮތެއް ނުހަދައެވެ. ކުރިންވެސް ކަންކަން ބެލެހެއްޓިފަދައިން ކަންކަން ބަލަހައްޓައި އޭނާއަށް ޚިދުމަތް ކުރިއެވެ. އަޅުގަނޑުގެ އަލަތު ފިރިމީހާއަށްވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅެވެ. ބޭވަފާތެރިވުމަކީ އޭނާ ދަންނަ ކަމެއް ނޫނެވެ. އޮފީސް ނިމިގެން ގެއަށް އައުމަށްފަހު ހުރިހާ ވަޤުތެއްގައިހެން އުޅެނީ ގޭގައެވެ.  

އަޅުގަނޑުގެ މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއްކޮށްފިނަމަ އަޅުގަނޑުގެ މަޤްޞަދު ޙާޞިލްވީއެވެ.

 

- މައިމޫނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން