ޢިބްރަތްތެރި ވާހަކަ: ލިބުނު ރަނގަޅު ލޯބިވެރިޔާއާ ކައިވެނިނުކޮށް މޮޅުގޮތް ހޯދަން އުޅުނު އަންހެނަކަށް ކުރަންޖެހުނު ހިތި ތަޖުރިބާގެ ހާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޢިބްރަތްތެރި ވާހަކަ: ލިބުނު ރަނގަޅު ލޯބިވެރިޔާއާ ކައިވެނިނުކޮށް މޮޅުގޮތް ހޯދަން އުޅުނު އަންހެނަކަށް ކުރަންޖެހުނު ހިތި ތަޖުރިބާގެ ހާހަކަ-

ވިޔަފާރިއެއް ފަށައިގަތުމަށްފަހު އަންހެން ކުއްޖަކު ދެކެ ލޯބިވީމެވެ. އަހަރުވަންދެން ގުޅިގެން އުޅުމަށްފަހު ކައިވެނިކުރަން ނިންމައި މައިންބަފައިންނާއި ބައްދަލުކޮށްލަން ގެއަށް ގޮސްލައިދިނުމުން ކުރީ އިންކާރެވެ. ބުނީ ކައިވެނިކުރުމަށް ގޮތެއް ނިންމޭނީ ތަންކޮޅެއްފަހުން ކަމަށެވެ.  

ވަރަށް އާދޭސްކުރީމެވެ. އެނޫން ޖަވާބެއް ނުދިނުމުން ވަކިވީއެވެ. އެއިރު ހުރީ ކައިވެނިކުރަން ވަރަށް ބޮޑަށް ބޭނުންވެގެން ކަމަށްވުމުން ދެވަނަ ކުއްޖަކާއި ލޯބީގެ ގޮތުން ގުޅި ވަރަށް އަވަހަށް ކައިވެނިކުރީމެވެ.

ކައިވެންޏަށް ހައަކަމަސްވީތަނާ އެއްދުވަހަކު ކުރީގެ ލޯބިވެރިޔާ ބައްދަލުކުރިއެވެ. ބުނީ އެއިރު އެގޮތަށް ކަންތައް ކުރެވުނީ ކައިވެންޏަށް އެދިގެން އިތުރު 3 މީހަކު ތިބުމުން ގޮތެއް ނުނިންމިގެން ކަމަށެވެ. ނަމަވެސް މިހާރު މިއައީ އަހުރެންނާއި ގުޅެން ނިންމައިގެން ކަމަށެވެ. އޭނާއާއި ގުޅިއްޖެނަމަ މާލޯބިން އަހުރެންނަށް ޚިދުމަތްކުރާނެ ކަމަށެވެ.

އަހުރެން ބުނީމެވެ. "މޮޔަ ވާހަކަ ނުދައްކާށެވެ! އަހުރެންގެ އަނބިމިހާއަކީ ވަރަށް ހަރުދަނާ އަންހެނެކެވެ. ގޭގައި އިނދެގެންވެސް އަހުރެންގެ މަސައްކަތަށްވެސް އެހީތެރިވެދެއެވެ. މިވީކުޑަދުވަސްކޮޅުގެ ތެރޭގައި އަހުރެންނަށް ދިން ލޯބި ތިބާއަށްވެސް އަދި އެހެން އަންހެނަކަށްވެސް ނުދެވޭނެއެވެ.  

ތިއައައީ އަހުރެންދެކެ ލޯބިވާތީއެއް ނޫނެވެ. އަހުރެންގެ މަސައްކަތުގައި ކުރިއރައިދާކަން އެނގޭތީއެވެ. ގުޅެން އުޅުނު ތަނަވަސް އެކަކުވެސް ތިބާއާއި ކައިވެނިނުކުރީމައެވެ. އަހުރެން ތިބާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ. އެއީ އަހުރެންނާއި އަމިއްލައަށް ވަކިވީތީއެވެ. އަހުރެންނަށް މިހާ ރަނގަޅު އަންތބަކު ލިބުނީ ތިބާ އަހުރެންނާއި ވަކިވީތީއެވެ. އެހެންވެ އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ."

އޭނާ އަހުރެން ކުށްވެރިކުރިއެވެ. ރުޅިއައިސް އެއްޗެތިވެސް ގޮވިއެވެ. އޭނާ ބުނާހައި ދުވަހެއްވަންދެން މަޑުނުކުރީ އޭނާދެކެ ލޯބިނުވާތީކަމަށްވެސް ބުންޏެވެ. ފުރަތަމަވެސް ދެމީހުން ގުޅުނީ ވަރަށް އަވަހަށް ކައިވެނިކުރަންކަން ހަނދާންކޮށްދިނުމުން އެއިރު އެގޮތަށް އެއްބަސްވިޔަސް ފަހުން ޚިޔާލުބަދަލުވީކަމަށެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ މިކަމުގައި ކުށްވެރިއަކީ އަޅުގަނޑުތޯއެވެ؟ ނުވަތަ އޭނާތޯއެވެ؟

 

- އަޝްރަފް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން