ރޯދަމަހު ކައިވެނިކޮށްދޭ ގަޑިތައް ފެމިލީ ކޯޓުން އިއުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ރޯދަމަހު ކައިވެނިކޮށްދޭ ގަޑިތައް ފެމިލީ ކޯޓުން އިއުލާންކޮށްފި

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހުގެ ތެރޭގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭނެ ގަޑިތައް ކަނޑައަޅައި އެ ކޯޓުން މިއަދު އިއުލާންކޮށްފިއެވެ. މި ގަޑިތަކަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުއެވެ.

ފެމިލީ ކޯޓުން އާންމުކުރި އިއުލާނުގައިވާ ގޮތުން، ރަސްމީ ދުވަސްތަކުގައި ކޯޓުގައި ކައިވެނި ކޮށްދޭނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ މެންދުރު 12:00 އިން 13:00 އަށް އަދި މެންދުރުފަހު 14:30 އިން 16:30 އަށެވެ. މީގެ އިތުރުން ރަސްމީ ދުވަސްތަކުގެ ރޭގަނޑު 21:30 އިން 22:45 އަށް ވެސް ކޯޓުގައި ކައިވެނިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހަފްތާ ބަންދު ދުވަސްތަކުގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރޭގަނޑުގެ ވަގުތުގައެވެ. އެގޮތުން ހުކުރު އަދި ހޮނިހިރު ދުވަހު ކައިވެނި ކޮށްދޭނީ ރޭގަނޑު 21:30 އިން 22:45 އަށެވެ.

ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ވަގުތުތަކަށް ބަލާއިރު، ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި މެންދުރުފަހު 14:00 އިން 16:30 އަށް އަދި ރޭގަނޑު 21:30 އިން 22:45 އަށް ކައިވެނިކޮށްދޭނެއެވެ. ހުކުރު ދުވަހު ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ހަމައެކަނި ރޭގަނޑު 21:30 އިން 22:45 އަށެވެ.

އާންމު މަސްތަކުގައި ފެމިލީ ކޯޓުން ކައިވެނިކޮށްދެމުން އަންނަނީ ހެނދުނު 9:00 އިން 11:30 އަށް އަދި މެންދުރުފަހު 1:00 އިން 1:30 އަށެވެ. އަދި ނުރަސްމީ ގަޑީގައި ކޯޓުން ބޭރުގައި ކައިވެނިކޮށްދެނީ ހަވީރު 4:00 އިން ރޭގަނޑު 9:30 އަށެވެ. ނަމަވެސް ރަމަޟާން މަހުގެ މަސައްކަތު ގަޑިތަކަށް އަންނަ ބަދަލާ ގުޅިގެން ކޮންމެ އަހަރަކުވެސް ކައިވެނިކޮށްދޭ ގަޑިތަކަށް ބަދަލު ގެނެއެވެ.

މިއަދު އޮންލައިން