ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަމަވުމަށްފަހު މަސައްކަތަށް ނިކުތަސް، ދަރިފުޅަށް ކޮށްދޭންޖެހޭ ކަންކަން ކުރުމަށް މުވައްޒަފުންނަށް ހުސް ވަގުތު ދޭންޖެހޭ މުއްދަތު އިތުރުކުރުމަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒް އެވެ.
މިހާރު އަމަލުކުރަމުންދާ ވަޒީފާއާބެހޭ ގާނޫނު އޮންނަ ގޮތުން، މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭންޖެހެނީ ދަރިފުޅުގެ އުމުރުން އެއް އަހަރު ވަންދެނެވެ. ނަމަވެސް އަލަށް ހުށަހެޅި ބިލުގައި ވަނީ ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން މި ފުރުސަތު މުވައްޒަފުންނަށް ދޭންޖެހޭ ގޮތަށް ބަދަލުކުރުމަށް ހިމަނާފައެވެ.
މި ބިލުގައި ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސްގެ މުއްދަތަށް ވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. މިހާރުގެ ގާނޫނުގައި ދެ ހަފުތާގެ ނޯޓިހެއް ދޭންޖެހެނީ ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ވަޒީފާގައި އުޅުނު މުވައްޒަފުންނަށް ކަމަށްވީ ނަމަވެސް، އާ އިސްލާހުގެ ދަށުން އެއް އަހަރުނުވާ ކޮންމެ މުވައްޒަފަކަށް ވެސް މަދުވެގެން ދެ ހަފުތާގެ ނޯޓިހެއް ދޭން ޖެހޭނެއެވެ.
އެހެންނަމަވެސް، އެއަށް ވުރެ ކުރު މުއްދަތެއް ނުވަތަ އެއަށް ވުރެ ދިގު މުއްދަތެއްގެ ނޯޓިސް ދޭންޖެހޭ ގޮތަށް ދެ ފަރާތުން އެއްބަސްވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ބައެއް ބާވަތުގެ ވިޔަފާރިތަކަށް ބިދޭސީން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ ދެއްކުމުން އިސްތިސްނާ ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ. މިގޮތަށް އިސްތިސްނާ ދެވޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި، އާ ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ އިތުރުން ވިޔަފާރީގެ ވާދަވެރިކަން އުފެއްދުމަށް ކަމަށް ބިލުގައި ބުނެފައިވެއެވެ.