ހުޅުމާލޭ ދެވަނަ ފިޔަވަހިން 10 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ހުޅުމާލޭ ދެވަނަ ފިޔަވަހިން 10 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހިން 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިއްޔެ ހިންގި މި އޮޕަރޭޝަން އަމާޒުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓު ސަރަހައްދުގައި ހިންގަމުންދާ ވިޔަފާރިތަކަށެވެ.

އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އޮޕަރޭޝަނުގެ ތެރެއިން އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދިޔަ ޖުމްލަ 95 ބިދޭސީއެއްގެ ލިޔެކިޔުންތައް އޮފިސަރުން ވަނީ ބަލައިފާސްކޮށްފައެވެ. މީގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ އަދި އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 17 ނޮވެމްބަރު 2023 އިން ފެށިގެން 3 ފެބްރުއަރީ 2026 ގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅުނު 11,496 ބިދޭސީއަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލެވިފައެވެ. މީގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލީގަލައިޒް ކުރުމުގެ މަސައްކަތް 1 ޖެނުއަރީ 2026 ގައި ފަށާފައިވާއިރު، މިހާތަނަށް އެކަމަށް އެދި 3,700 އެޕްލިކޭޝަން ލިބިފައިވާކަން ފާހަގަކުރެވެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވަނީ "އޮޕަރޭޝަން ކުރަނގީ" ގެ ތިންވަނަ ފިޔަވަހި 3 މެއި 2026 ގައި ފެށޭނެކަން އިއުލާނު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، "މި ފިޔަވަހީގެ ދަށުން ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދީ ޑީޕޯޓް ކުރެވޭނެ" އެވެ.

ތިން އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަން ނިމުމާއެކު، 2 މެއި 2027 ގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން