އަސާސީ ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލްކޮށް، އެއް ހަމައެއްގައި ހިފެހެއްޓުމަށްޓަކައި ފާއިތުވި ދެ އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެ ވުޒާރާގެ ކޮންސަލްޓެންޓް ޝުހާދު އިބްރާހިމް ވިދާޅުވީ، ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް ޚާއްޞަ ނިޒާމެއްގެ ދަށުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޝުހާދު ވިދާޅުވި ގޮތުގައި، އާންމުކޮށް ގޭބީސީތަކުން ކެއިންބުއިމުގައި ބޭނުންކުރާ 160 އައިޓަމް ހިމެނޭ ލިސްޓެއް އެކުލަވާލައި، ކޮންމެ ހަފްތާއަކު އެ ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތައް ވުޒާރާއިން ދަނީ މޮނިޓަރ ކުރަމުންނެވެ. މީގެއިތުރުން، ކުރިން އެންމެ 3 ބާވަތް ހިމެނުނު އަސާސީ ކާބޯތަކެތީގެ ލިސްޓަށް މިދިޔަ އަހަރުގެ ތެރޭގައި 23 ބާވަތެއް ވަނީ އިތުރުކޮށްފައެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އަލަށް އިތުރުކުރި 23 ބާވަތް މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ބާޒާރަށް ވަނީ ނެރެފައެވެ. ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އާބާދީގައި 3000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެސްޓީއޯގެ އެޖެންޓުން ތިބޭނެކަން ޔަޤީންކުރާނެ ކަމަށާއި، އާބާދީ ކުދި ރަށްތަކުގައިވެސް ޑިސްޓްރިބިއުޝަން ނެޓްވޯކްގެ ޚިދުމަތް ލިބޭނެ ކަމަށް ޝުހާދު ވިދާޅުވިއެވެ.
މީގެއިތުރުން، މާލެއާއި ހުޅުމާލޭގައި ޑިސްޓްރިބިއުޝަން ވެއަރހައުސްތަކެއް ޤާއިމުކޮށް، މި އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި އެ ތަންތަނުގެ ބޭނުން ހިފަން ފެށޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ރަމަޟާން މަހާ ގުޅޭގޮތުން ޝުހާދު ވިދާޅުވީ، "އަޅުގަނޑުމެން މިބަލަނީ ރޯދަމަސް އަންނައިރު މިދިޔަ އަހަރެކޭ އެއްފަދައިން އެ އަންނަ ޑިމާންޑްގެ ޕުޝްއާއެކު އެ އަންނަ އަގު ބޮޑުވުން ކޮންޓްރޯލްކުރެވިގެންދާނެކަމަށް." މީގެއިތުރުން ޑިސްޓްރިބިއުޝަން ނެޓްވޯކް އިތުރަށް ފުޅާކޮށް، އަސާސީ ކާބޯތަކެތި ހެޔޮ އަގުގައި އަދި ރަނގަޅު ކޮލެޓީގައި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ލިބޭނެކަން ޔަޤީންކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.