މުސްތަޤުބަލުގައި ލިބެން އޮތް ތަނަކަށް ރިއާޔަތްކޮށް ޝަރުތު ހަމަ ނުވާކަމަށް ކަނޑަނާޅާނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
މުސްތަޤުބަލުގައި ލިބެން އޮތް ތަނަކަށް ރިއާޔަތްކޮށް ޝަރުތު ހަމަ ނުވާކަމަށް ކަނޑަނާޅާނެ: ވަޒީރު

މުސްތަޤުބަލުގައި ލިބެން އޮތް ތަނަކަށް ރިއާޔަތްކޮށް، ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުން ޝަރުތު ހަމަ ނުވާކަމަށް ކަނޑަނާޅާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އަމިއްލަ ނަމުގައި 400 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނެތުން ނުވަތަ މުސްތަޤުބަލުގައި ތަރިކައިން ބައެއް ލިބޭނަމަ އެ ބައެއް ދޫކޮށްލަން ޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވާތީ، އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ މައިންބަފައިންގެ ގޯތި ބެހުމުގައި ވަކި ގޮތެއް ނުނިމި ނުވަތަ ގޯތި ބެހުމާ ގުޅޭ މަސައްކަތެއް ރަސްމީކޮށް ކުރިއަށް ނުދާނަމަ، އެމީހެއްގެ ޝަރުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ. ޝަރުތު ހަމަ ނުވާނީ ނުވަތަ ބިން ދޫކޮށްލަން ޝަރުތު ކުރަންޖެހޭނީ، އެމީހެއްގެ އަމިއްލަ ނަމުގައި އެ ބިމެއްގެ ރެޖިސްޓްރީ ރަސްމީކޮށް ލިޔެވިފައިވާ ނަމަ އެކަނި ކަމަށް ވަޒީރު ތަފްސީލުކޮށްދެއްވިއެވެ.

ބިން ދޫކޮށްލަން އެއްބަސްވާ ޙާލަތްތަކުގައިވެސް އެ ބިންތައް ސަރުކާރަށް ނުނަގާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. "މުސްތަޤުބަލުގައި އެފަދަ ތަނެއް ލިބެން އޮތް ނަމަވެސް، ޝަރުތުގައި ބުނާގޮތުން އެތަން އެމީހާ ދޫކޮށްލި ނަމަވެސް ސަރުކާރަކަށް ނުނަގާނެ. އޮންނަ އުސޫލަކުން ދެން އެ ބިމެއް ވާރުތަވާ މީހުންގެ މެދުގައި ބަހަން އޮންނާނީ. ދަޢުލަތަކަށް ބިން ނުނަގާނަން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މުސްތަޤުބަލުގައި ވެދާނެ ކަމަކަށް ރިއާޔަތް ނުކުރާނެ ކަމަށާއި، ޝަރުތު ހަމަވުމުގައި ބަލާނީ އެމީހެއްގެ ޙައްޤާއި މިލްކުވެރިކަން މިހާރު އުފަންވެފައިވާ ތަންތަނަށް އެކަނި ކަމަށެވެ. މާލެ ސަރަޙައްދުގައި މީހުންގެ ނަންމަތީގައި ހުންނަ ބިންތަކާއި ފްލެޓްތަކުގެ މަޢުލޫމާތު ސިޓީ ކައުންސިލާއި އެޗްޑީސީ މެދުވެރިކޮށް ފަސޭހައިން ލިބެން ހުރި ނަމަވެސް، ރަށްރަށުގެ އެފަދަ މަޢުލޫމާތު ކަށަވަރުކުރުމުގައި ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިހާރު ކުރިއަށްދާ ގެދޮރުވެރިކަމުގެ ސްކީމްތަކަށް ފޯމު ހުށައަޅާއިރު، އެމީހާގެ ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން ވަގުތުން އެނގޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ހުށައަޅާފައިވާ ލިޔެކިޔުންތަކާއި މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވިދާޅުވެ ވަޒީރު ވަނީ ވާހަކަފުޅު ނިންމަވާލައްވާފައެވެ.

މިއަދު އޮންލައިން