ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސައިފި

1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހަމަޖައްސައިފިއެވެ. މި އަހަރުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށެވެ.

ޒަކާތް ދެއްކުމަށް ގިނަ ވަސީލަތްތަކެއް ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ދިރާގު (އެޕް، ވެބްސައިޓް އަދި އެސްއެމްއެސް)، އުރީދޫ (އެމް-ފައިސާ އަދި އެސްއެމްއެސް)، މޯލްޑިވްސް އިސްލާމިކް ބޭންކް (ފައިސާ މޮބައިލް އެކްސް އަދި ފައިސާ ނެޓް)، ބޭންކް އޮފް މޯލްޑިވްސް (މޮބައިލް އެޕް އަދި ވެބްސައިޓް)، ފަހިޕޭ، އަވަސް އެޕް، އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޭ ހިމެނެއެވެ.

މީގެ ތެރެއިން ބަނޑޭރި ޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތް ދައްކަން ދަތި ފަރާތްތަކަށް ޚާއްޞަކޮށްގެން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި ނަޤުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސާނީ އެ ރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލުންނެވެ.

މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދުތަކަކީ: އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑުލުން 53 ރުފިޔާ، ރަތް ހަނޑުލުން 96 ރުފިޔާ، އާދައިގެ ބާސްމަތީ ހަނޑުލުން 77 ރުފިޔާ، މޮޅު ބާސްމަތީ ހަނޑުލުން 109 ރުފިޔާ، އަދި އެންމެ މޮޅު ބާސްމަތީ ހަނޑުލުން 136 ރުފިޔާއެވެ. މީގެ އިތުރުން އާދައިގެ ފުށުން 10 ރުފިޔާ އަދި އާޓާ ފުށުން 75 ރުފިޔާއެވެ.

މިއަދު އޮންލައިން