ތޮއްޑޫގައި ސީޕްލޭންގެ ޚިދުމަތް ފެށުމާއެކު، މޫސުމީ ގޮތުން އަންނަ ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ: ވަޒިރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ތޮއްޑޫގައި ސީޕްލޭންގެ ޚިދުމަތް ފެށުމާއެކު، މޫސުމީ ގޮތުން އަންނަ ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ: ވަޒިރު

އއ. ތޮއްޑޫގައި ސީޕްލޭންގެ ޚިދުމަތް ފެށުމާއެކު، މޫސުމީ ގޮތުން އަންނަ ބަދަލުތަކުގެ ސަބަބުން އެ ރަށުގެ ފަތުރުވެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ތޮއްޑޫގައި ސީޕްލޭންގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި ތޮއްޑޫގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދަކީ ބައެއް މޫސުންތަކުގައި ވަރަށް ބޮޑަށް ގަދަވާ ސަރަހައްދެއްކަން ފާހަގަކުރެއްވިއެވެ. "ތޮއްޑޫގެ ވަށައިގެން މި އޮންނަ ކަނޑަކީ ބައެއް ދުވަސްވަރަށް ވަރަށް ގަދަވާ ކަނޑެއް. އެ ގަދައިގެ ތެރޭގައި ދަތުރުކުރުމަކީ ވަރަށް އުނދަގޫކަމެއް. އޭގެ ސަބަބުން ދަތުރުފަތުރައް އެޅޭ ހުރަހަށް ވަރަށް ބޮޑު ހައްލެއް ލިބިގެންމިދިޔައީ. އެހެންވީމަ ތޮއްޑޫގެ ފަތުުރުވެރިކަމަށް މޫސުމީގޮތުން އަންނަ ބަދަލުތަކާ ގުޅިގެން އެއްވެސް ކަހަލަ ހީނަރުކަމެއް ނާންނާނެ އިންތިޒާމެއް އިރާދަކުރެއްވީތީ ހަމަޖެހިގެން މިިދިއައީ،" ވަޒީރު ވިދާޅުވިއެވެ.

ތޮއްޑޫއަކީ ލޯކަލް ޓޫރިޒަމް ފުޅާދާއިރާއެއްގައި ކުރިއަށްދާ ރަށެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިހާރުވެސް އެ ރަށުގައި 1800 އެއްހާ ފަތުރުވެރިން އެބަތިބި ކަމަށެވެ. އެހެންކަމުން، މޫސުން ގޯސްވާ ދުވަސްވަރުވެސް މެދުކެނޑުމެއްނެތި ފަތުރުވެރިންނަށް ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެހުމަކީ ރަށުގެ އިގްތިސާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތޮއްޑޫ ރައްޔިތުންގެ އެދިލެއްވުމުގެ މަތިންނާއި، އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ހިމަނުއްވާފައިވާ މުހިންމު ސިޔާސަތެއްގެ ދަށުން ފެއްޓެވި ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި އައު ދަތުރުފަތުރުގެ ނިޒާމާއެކު ތޮއްޑޫގެ ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ އައު މަގުތަކެއް ކަށަވަރުވެ، ރަށުގެ ތަރައްގީއަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިއަދު އޮންލައިން