ޢިބްރަތްތެރި ވާހަކަ: ތަނަވަސް ޒުވާނަކު ލޯބިހުށަހެޅުމުން ދީނުގަ އޮތް ގޮތުގަ ޘާބިތުވެލީމާ ހުރިހާ ތުންފުހިތައް ދޫކޮށްލައި އޭނާގެ ފަހަތުން ޒުވާނާ އައިސް ކައިވެނިކުރި ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 47ސ
ޢިބްރަތްތެރި ވާހަކަ: ތަނަވަސް ޒުވާނަކު ލޯބިހުށަހެޅުމުން ދީނުގަ އޮތް ގޮތުގަ ޘާބިތުވެލީމާ ހުރިހާ ތުންފުހިތައް ދޫކޮށްލައި އޭނާގެ ފަހަތުން ޒުވާނާ އައިސް ކައިވެނިކުރި ޙާދިސާއެއްގެ ވާހަކަ-

އެޒަމާން މިޒަމާން ކިޔައިގެން ދައްކާ ވާހަކަތަކުގައި އެއްވެސް ބުރަދަބެއް ނެތެވެ. އިސްލާމް ދީނުގައި ބަޔާންވެގެންވާ ކޮންމެ ކަމަކީވެސް ހުރިހާ ޒަމާންތަކަށް އެކަން އޮތް ގޮތެވެ. ލޯބިވެގެން ކައިވެނިކުރުމުގެ ކަންކަންވެސް އިސްތިސްނާއެއް ނުވާނެއެވެ.  

ތަނަވަސް ޒުވާނަކު ލޯބިހުށަހެޅުމުން އަންހެންކުއްޖާ ބުނި ބަސް ވަރަށް ވަރުގަދައެވެ. ""އަހަރެންނަށް އިސްލާމް ދީން އެހައިބޮޑަށް ނުއެނގުނު ނަމަވެސް އަހަރެން ކިޔާފައި ފޮތްތަކުގައި އޮންނަނީ ކައިވެނިކުރަން އެދޭނަމަ ކޮފީއަށާ އެކަހެރި ބައްދަލުވުންތަކަށް ގެންދާކަށް ނޫނެވެ. އަންހެނާގެ ރުހުން ހޯދައި ބެލެނިވެރިންގެ ކިބައިން ކައިވެންޏަށް އެދުމަށެވެ. މިއީ ދެހާހުގެ އަހަރުތައް ކަމަށްވުމުން އެއްވެސް ޙަދީޘްފުޅަކަށް ޢަމަލުކުރަންޖެހޭގޮތް ބަދަލެއް ނުވާނެއެވެ." 

ހުރިހާ އަންހެންކުދިންވެސް މިޢަޒުމްގައި، މިވިސްނުމުގައި ތިބެއްޖެނަމަ އޮޔާދާންޖެހޭނެ އަންހެނަކު ނުހުންނާނެއެވެ. ތިރީގައި އެވަނީ އެކަން އަންގައިދޭ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.  

އަޅުގަނޑު ޑިގްރީއަށް ކިޔަވަމުންދިއަ ދުވަސްވަރު އެކުގައި އުޅުނު ވަރަށް ގިނަކުދިން އަޅުގަނޑާއި ގުޅެން ވަރަށް މަސައްކަތްކުރިއެވެ. އަދި އެނޫން މީހުންވެސް މަސައްކަތްކުރިއެވެ. އެއެންމެންނާއިވެސް އަޅުގަނޑު ހަމަ އެކުވެރިންގެ ގޮތުގައި ވާހަކަދައްކަމެވެ. ނަމަވެސް އެމީހުންދޭ އެއްވެސް ދަޢުވަތެއް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. އެކަހެރި ބައްދަލުވުމަކަށްވެސް އަދި ކޮފީއަކަށްވެސް ނުދަމެވެ.  

އަޅުގަނޑުގެ މަންމަ އާއި ބައްޕަ އެކުއެކުގައިހެން އަޅުގަނޑު ވަރަށް ކުޑައިރު ވަނީ ދުނިޔެ ދޫކޮށްފައެވެ. އަޅުގަނޑަށް ބޭނުންވާ ހުރިހާ ކަންކަން ކޮށްދީ ބަލައި ބޮޑުކުރީ ވަރަށް ދަތިޙާލުގައި ކާފައާއި މާމައެވެ. ވީމާ ރެސްޓޯރަންޓްތަކުން ކެއުމާއި ކޮފީއަށް ދިއުމަކީ އަޅުގަނޑަށް އެއްވެސް މުހިންމު ކަމެއް ނޫނެވެ. އެކަންކަން ނުކުރާތީ އެއީ މުހިންމު ކަމަކަށްވެސް ނުވެއެވެ.

ޔުނިގައި އަޅުގަނޑާއިއެކު ކިޔެވި އެއް ކުއްޖަކީ ތަނަވަސްމީހެއްގެ ކޮއްކޮއެކެވެ. އޭނާ ވަރަށް ފައުޅުގައި އަޅުގަނޑު ފަހަތުން އުޅެން ފެށުމުން ގިނަ ދަރިވަރުންތަކަކަށް އެކަން އެނގުނެވެ. އަދި އޭނާ އާއި ގުޅެން ހިތްވަރުދިނެވެ. ނަޞީބު އައިސް އަތުގަ ހިފުމުން ދޫކޮށްލަން ނުވާނެ ކަމަށް ބުންޏެވެ.

"އަހަރެންނަށް އިސްލާމް ދީން އެހައިބޮޑަށް ނުއެނގުނު ނަމަވެސް އަހަރެން ކިޔާފައި ފޮތްތަކުގައި އޮންނަނީ ކައިވެނިކުރަން އެދޭނަމަ ކޮފީއަށާ އެކަހެރި ބައްދަލުވުންތަކަށް ގެންދާކަށް ނޫނެވެ. އަންހެނާގެ ރުހުން ހޯދައި ބެލެނިވެރިންގެ ކިބައިން ކައިވެންޏަށް އެދުމަށެވެ. މިއީ ދެހާހުގެ އަހަރުތައް ކަމަށްވުމުން އެއްވެސް ޙަދީޘްފުޅަކަށް ޢަމަލުކުރަންޖެހޭގޮތް ބަދަލެއް ނުވާނެއެވެ."  

މިމޭރުމުން އަޅުގަނޑުގެ އެކުވެރިންގެ ގާތުގައި ބުނުމުން އެކުދިން ކުރީ މަލާމާތެވެ. "ކަންކަން މިހާރު ތިއަހެނަކުން ނުހިނގާނެ" ކަމަށް ބުންޏެވެ. އަޅުގަނޑު ބުނީމެވެ. "ނުހިގަންޏާ ހުއްޓިފައި ހުންނާނީ ނޫންހެއްޔެވެ؟ ކައިވެނި ނުކުރެވިގެން ލަސްވެގެން ކަންބޮޑުވެގެނެއް އަދިއެއް ނުއުޅެމެވެ. އިރާދަކުރެއްވިއްޔާ ނުވެސް ޖެހޭނެއެވެ." 

މިވާހަކަ ހޫނުކަންމަތީގައި އޭނާއަށް ފޯރުވައިފިއެވެ. އެކުދިންނަށް ހީކުރެވިފައި އޮތީ އަޅުގަނޑު ބުނިބަސްތަތަކީ ވަރަށް ފޮނި، ބޮޑާ ބަސްތަކެއް ކަމަށެވެ. އެހެންވެ އެއިގެ ތެރެއިން އޭނާ އާއިއެކު ކޮފީއަށާއި ރެސްޓޯރަންޓްތަކަށް ގޮސްއުޅޭ ކުއްޖަކަށް އޭނާގެ ސަމާލުކަން ބަދަލުވާނެ ކަމަށެވެ.  

އަޅުގަނޑު އެޖަވާބުދިނީ އެއްވެސްހާލެއްގައި ބޮޑާކަމުގެ ނިޔަތެއް އޮވެގެނެއް ނޫނެވެ. ﷲ އަށް ބިރުވެތިވާތީއެވެ. މާމައާއި ކާފަމެން ދަސްކޮށްދީފައިވާ ގޮތަށް ދިރިއުޅެން މަސައްކަތްކުރަން ބޭނުންވާތީއެވެ. ކާފަ އަބަދުވެސް ބުނެއެވެ. "އެލުވާފައި އޮންނަ ތުންފުހީގައި އެންމެން ތުންފުހޭނެއެވެ. އެއްވެސް މީހަކު ތުންފުއްސަށް ސަމާލުކަމެއް ނުދޭނެއެވެ."  

އެއިގެ މަހެއްހާ ދުވަސްފަހެވެ. އެއްރޭ ޢިޝާ ނަމާދުން ފޭބިތަނާ ފެނުނީ އޭނާ އާއި އޭނާގެ ބޭބެ އަޅުގަނޑުމެންގެ ގެއަށް އައިސް ދޮރުމަތީގައި ތިއްބައެވެ. އެމީހުން ކާފަ އާއި މާމައާއި ބައްދަލުކޮށްފައި އެދުނީ އަޅުގަނޑުގެ ކައިވެންޏަށެވެ. ކާފަ ހުށަހެޅި ޝަރުޠުތަކަށް އެއްބަސްވުމުން ކައިވެނިކުރަން ރުހުން ދިނީ އެކަމަށް އަޅުގަނޑު އެކަމަށް ބޭނުންވޭތޯ ބެލުމަށްފަހު އަޅުގަނޑުގެ ރުހުމާއިއެކުގައެވެ.  

މާގިނަ ދުވަހެއް ނުވެ ކައިވެނި ކުރެވުނެވެ. ދެމީހުން އެކަނި ބައްދަލުވީ ކައިވެނިކުރުމަށްފަހުގައެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުމީ އަޅުގަނޑުގެ އެކުވެރިން އެބުނި ފަދައިން މިއީ ހަމަ 2000ގެ އަހަރުތަކެވެ. 21 ވަނަ ޤަރުނެވެ. ކައިވެނިކުރީ ޙަދީޘްފުޅުގައިވާ ފަދައިންނެވެ. ދިރިއުޅެމުން މިއަންނަނީވެސް ދީނުގައި އޮތްގޮތަށެވެ. ކައިވެންޏަށް 8 އަހަރުވީއިރުވެސް ލޯތްބާއި ގުޅުން ދަނީ ދުވަހެއް ދުވަހަކަށް ބަދަލުވަމުންނެވެ.

ހަނދާންކުރަން ބުނަން ބޭނުމީ ހަމަ ކާފަގެ ނަޞޭޙަތެވެ. "އެލުވާފައި އޮންނަ ތުންފުހީގައި އެންމެން ތުންފުހޭނެއެވެ. އެއްވެސް މީހަކު ތުންފުއްސަށް ސަމާލުކަމެއް ނުދޭނެއެވެ." އަދި ތުންފުންސަކަށް ނުވުމުން ޖެހޭނީ ބޭނުންނަމަ ކައިވެނިކުރާށެވެ. ކިތަންމެ އަވަހަށް ވަރިކުރިނަމަވެސް ކައިވެނިނުކޮށް ތިބެ ފާފަކުރިކަމަކަށް ނުވާނެއެވެ. އިއްފަތްތެރިކަން އޮންނާނީ ޙިމާޔަތްކުރެވިފައެވެ.

 

- ނަޝީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން