މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް، ކަނޑައެޅިފައިވާގޮތަށް ރަމަޟާންމަހުގެ ކުރިން ނިންމާ އާންމުންނަށް ހުޅުވާލާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ނިންމައި، މިހާރު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.
ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދަނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ތަރައްޤީކުރުމުގެ މަސައްކަތެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވާގޮތުގައި، މި ފިޔަވަހީގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ މަގުގެ ނިޝާންތައް ކުރެހުމާއި މަގު ބައްތި ޖެހުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.
މިއަހަރުގެ ރަމަޟާން މަސް މިމަހުގެ 18 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، އެމްޓީސީސީގެ އަމާޒަކީ ރަމަޟާން މަސް ފެށުމުގެ ކުރިން ބާޒާރުމަތީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތެއް ނިންމާލުމެވެ. މީގެ ސަބަބުން ރަމަޟާން މަހު މާލޭގެ ބާޒާރުމަތީގެ ޓްރެފިކް ބާރުބޮޑުވާ ވަގުތުތަކުގައި އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.