ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ލިބޭ ކޮންމެ ކުރިއެރުމަކީ މުޅި ޤައުމަށް ލިބޭ ފާގަތިކަމެއް ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ އެއަރޕޯޓުގެ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް ބޭއްވި "ވެލާނާ އެވޯޑްސް" ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ހިންގުމުގެ ހަރުދަނާ ކަމަކީ ކާމިޔާބީ ވަޒަން ކުރުމުގެ އެންމެ އަސާސީ އެއް މިންގަނޑު ކަމަށެވެ. އެހެންކަމުން އެއަރޕޯޓަށް އިތުރުކުރެވޭ ކޮންމެ ޚިދުމަތަކާއި، އަލަށް ފަށާ ކޮންމެ ރޫޓަކީ މި ކާމިޔާބީ ދައްކުވައިދޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށާއި ދިވެހި ރައްޔިތުންނަށް ހުޅުވިގެންދާ އައު ފުރުސަތުތަކެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ކޮންމެ އަހަރަކުވެސް ސަރުކާރުން މި ދާއިރާއަށް އައު ލަނޑުދަނޑިތަކެއް ކަނޑައަޅުއްވާކަން ފާހަގަކުރައްވައި، އެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބުރަ މަސައްކަތް ކުރުމުގެ އިތުރަށް، އެކި ފަރާތްތަކުގެ މެދުގައި އޮންނަ ވަރުގަދަ ގުޅުންތަކުގެ މުހިންމުކަން ޝަރީފް ފާހަގަކުރެއްވިއެވެ. އަދި މި ގުޅުންތައް ދެމެހެއްޓުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، "މި ދަތުރަކީ ގުޅިގެން ކުރެވޭ ދަތުރެއް. އަޅުގަނޑުމެންގެ މި ގުޅުންތައް ބަދަހިވުމުން އެއަރޕޯޓަށް ކުރިއެރުން ލިބޭ. އެއަރޕޯޓަށް ލިބޭ ކޮންމެ ކުރިއެރުމަކީ ޤައުމަށް ލިބޭ ފާގަތިކަމެއް" ކަމަށެވެ.
މީގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލާއެކު ލިބުނު ކުރިއެރުންތަކަށްވެސް ޝަރީފް އަލިއަޅުވާލެއްވިއެވެ. އައު ޓަރމިނަލްގެ ޚިދުމަތްތަކާއެކު އެއަރޕޯޓުގެ ހިންގުމަށް އައިސްފައިވާ ހެޔޮ ބަދަލުތައް މިހާރު ފެންނަމުންދާ ކަމަށްވެސް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.