ދަރިފުޅަށް ސިއްރުން މާމަދަރިފުޅު ވިއްކައިލި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 1ސ
ދަރިފުޅަށް ސިއްރުން މާމަދަރިފުޅު ވިއްކައިލި އަންހެނެއްގެ ވާހަކަ-

އެއީ ލޯބިވެގެން އުޅެފައި ވަރަށް އަވަހަށް ކައިވެނިކުރި ދެމަފިރިންނެވެ. ކައިވެނީގައި އެކުގައި އުޅެވުނީ ކުޑަ ދުވަސްކޮލަކުއެވެ. ދެމީހުންގެ މެދުގައި މައްސަލަތައް ޖެހި ކައިވެނި ރޫޅުނީއެވެ. އަނބިމީހާ އެނބުރި ދިއައީ މައިންބަފައިންގެ ގާތަށެވެ.  

ކަންތައް ދިމާވިގޮތުން އެއިރު އިނީ ބަލިވެއެވެ. އެކަން އެނގުނީ ކައިވެނި ރޫޅުނުތާ މަސްދުވަސްވީފަހުންނެވެ. އަނބިމީހާ އެކަން ފިރިމީހާއަކަށް ނުއަންގައެވެ. ވިހައި ގަދަވުމުން އަނބިމިހާގެ މަންމައަށް އެކަން ބަލައެއް ނުގަނެވުނެވެ. ކަންބޮޑުވީ ދަރިފުޅަށް މާގިނަ ޚަރަދުތައްކުރާތީއެވެ. ދަރިފުޅު ބުނަމުންދިއައީ ޚަރަދުކުރަނީ އޭނާ މަސައްކަތްކޮށްގެން ހޯދާ ފައިސާ ކަމަށެވެ.  

އެއިރު ފިރިމީހާހުރީ ކައިވެނިކޮށްގެންނެވެ. އެކަމަކު ކުދިން ނުލިބޭ އަންހެނަކާއެވެ. އެކަން އެނގުނީ އަންހެނުންގެ މަންމަ އޭނާއަށް ފޯނުކުރުމުންނެވެ. އެހިސާބުން ހުރިހާ ވާހަކައެއް ކިޔައިދީ ބޮޑު އަގެއް އަތުލައި ދަރިފުޅު ބައްޕައާއި ޙަވާލުކުރިއެވެ. ކުއްޖާގެ މަންމަ އޮފީހަށް ދިއަ ވަޤުތު ސިއްރުންނެވެ. އެއިރު ދަރިފުޅަށް 6 މަހެވެ.  

ދަރިފުޅު އެނބުރި ގެއަށް އައުމުން ވަރަށް ދެރަވާކަން ދައްކަމުން ބުނީ ދަރިފުޅު ގެއްލިއްޖެ ކަމަށެވެ. ވަޤުތުން ފުލުހުންނަށް ހުށަހަޅައިގެން ކުރި މަސައްކަތުންވެސް އޮތީ ދަރިފުޅު ނުފެނިފައެވެ. ބައްޕައަކީ ތަނަވަސް މީހަކަށްވުމުން ދަރިފުޅު ގޮވައިގެން ދުރުސިޓީއަކަށް ބަދަލުވީތީއެވެ.  

ކުއްޖާގެ މަންމަ ދަރިފުޅު ހޯދަން މަސައްކަތްކުރުން ހުއްޓައެއް ނުލައެވެ. 7 އަހަރުފަހުން ސްޕަމާކެޓަކުން ފިރިމީހާއާއިއެކު ދަރިފުޅު ފެންނައިރަށް އެއީ ދަރިފުޅުކަން ވިސްނި ކުރިމައްޗަށް އަރައި ސުވާލުތައް ކުރަން ފެށިއެވެ. މާފުނުކުރާނެ ކަމަށާއި ދަރިފުޅު އޭނާއާއި ހަވާލުނުކޮށްފިނަމަ ކުއްޖަކު ވަގަށް ނެގިކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެކަމަށް ބުންޏެވެ. އެހިސާބުން ފިރިމިހާއަށް ޖެހުނީ އަމާންދީ ކަންކަން ވީގޮތް ކިޔައިދޭށެވެ.  

ކިތަންމެ ލޯބިން ބައަކު ގެންގުޅުނަސް ދަރިންނަށް އެންމެ ބޮޑަށް ބޭނުންވާނީ މަންމަގެ ލޯބިކަން އެނގިގެންދިއައެވެ. ލޮލަށް ދުވަހަކުވެސް ނުފެންނަ މަންމަ ފެނުމާއިއެކު ދަރިފުޅު މަންމަގެ އަތުން ދުލެއް ނުކުރިއެވެ. ބުނީ ގެއަށްދާނީ މަންމަ ގޮވައިގެން ކަމަށެވެ. ބައްޕައަށް މަޖުބޫރުވީ މަޗްވަރާކޮށް ޞުލްޙަވާށެވެ. ދަރިފުޅުގެ މަންމަވެސް ގެއަށް ގެންދާށެވެ.  

އެކުގައި ދިރިއުޅެމުން ގޮސް 3 އަހަރުވުމުން މަންމަ ބޭނުންވީ ދަރިފުޅު ގޮވައިގެން އެގެއިން ނުކުންނާށެވެ. އޭނާ ގަނެފައި ހުރި ފްލެޓަށް ބަދަލުވާށެވެ. އެއީ އޭނާވެސް ކައިވްނިކޮށް ދިރިއުޅުމެއް ފަށަން ބޭނުންވާތީއެވެ.  

ވަރަށް ވިސްނާފައި ކުއްޖާގެ ބައްޕަ ނިންމީ އެގެއަކީ ކުއްޖާގެ މަންމަޢާއި އޭނާއާއި އެއްމެދު ގެއަކަށް ހަދައި އެގޭގައި އުޅުމުގެ ފުރުޞަތު ކުއްޖާގެ މަންމައަށް ދޭށެވެ. އެއިރުން ކައިވެނިކޮށްގެންވެސް އެގޭގައި އޭނާއަށް އުޅެވޭނެތީއެވެ. އެގޮތަކީ ދަރިފުޅަށްޓަކައި އެންމެ ރަނގަޅު ގޮތްކަމަށް ކުއްޖާގެ މަންމަ ޤަބޫލުކުރިއެވެ. އެއީ ދަރިފުޅަށް ބައްޕަގެ ލޯބިވެސް ބޭނުންވާނެތީއެވެ.

އެންމެ ބޮޑު އުފާވެރިކަމަކީ މިހުރިހާ ކަމަކަށް އޭނާގެ އަނބިމީހާ ރުހުނު ކަމެވެ. ސަބަބަކީ ނުރުހިއްޖެނަމަ އޭނާ ވަރިކޮށްފައިވެސް ފިރިމީހާ ކުރަން ބޭނުންވާ ކަމެއް ކުރާނެކަން އެނގޭތީކަމަށްވެސް ވެދާނެއެވެ. ނޫންނަމަ އެހައި ދުވަހު ގެންގުޅުނު ކުއްޖަކުދެކެ ލޯބިވާވަރުންކަމަށްވެސް ވެދާނެއެވެ. އެކަމުގެ ޙަޤީޤަތް އޮތީ ނުއެނގިފައެވެ.  

މިއީ އަޅުގަނޑަށް ފެނުނު ވީޑިއޯއެއްގައި ކަންތައްވީ ގޮތެވެ. ކުރި އަސަރުގެ ބޮޑުކަމުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ. ކޮންމެ ގޮތަކުން ނަމަވެސް ދަރިން ދޫކޮށްނުލަން މަސައްކަތްކުރުމުގައި ކުއްޖާގެ މަންމައާއި ބައްޕަ އެދެއްކި ނަމޫނާގެ ސަބަބުންނެވެ. އަހުރެމްނެގެ ތެރެއިން ގިނަ މައިންބަފައިންގެ ޙާލުހުރިގޮތުންނެވެ. އަޅުގަނޑު މިއުޅެނީ އެކަނި ގެންގުޅޭ ދަރިފުޅަށް ކަމަކު ބޭނުންވެގެން ދަރިފުޅުގެ ބައްޕައަށް ގުޅާތާ އެތައް ދުވަހެއްވާއިރުވެސް ފޯނު ނުނަގައިގެންނެވެ. އެއީވެސް ތަނަވަސްކަން ކުޑަމީހެއް ނޫނެވެ. އެހައިބޮޑަށް އަސަރުކުރީ އެހެންވެގެންނެވެ.

 

- ފިރާޝާ / މިއަދުނޫހުގެ ކިޔުްނތެރިއެއް 

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން