ޢިބްރަތްތެރި ވާހަކަ: މަންމައަށާ މުސްކުޅިއަކަށް ހެޔޮކޮށް ހިތީމާ އެންމެ ބޮޑަށް އެދިގެން ހުރި ދެބޭނުން ފުދުނު ޒުވާން އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 21ސ
ޢިބްރަތްތެރި ވާހަކަ: މަންމައަށާ މުސްކުޅިއަކަށް ހެޔޮކޮށް ހިތީމާ އެންމެ ބޮޑަށް އެދިގެން ހުރި ދެބޭނުން ފުދުނު ޒުވާން އަންހެނެއްގެ ވާހަކަ-


މިއަދު ގިނަ ބައަކަށް ހިތްހަމަޖެހުން ލިބެނީ ކުރާ ކޮންމެ ކަމަކަށް ވަޤުތުން ބޮޑެތި ރަޙްމަތް ލައްވަވާނަމައެވެ. ހެޔޮ ޢަމަލުތައް ކުރުމުން ލައްވަވާނެ ބޮޑު ރަޙްމަތަށް އުންމީދުކުރަން ބޭނުމެއް ނުވެއެވެ. އެމީހުންނަށް ނުވިސްނޭ ކަމަކީ ކޮންމެ ކަމެއް ކުރާއިރަށް ވަޤުތުން ހެޔޮގޮތްތައް މިންވަރުނުކުރެއްވެވިނަމަވެސް އެމީހަކަށް ރަޙްމަތް ލައްވަވާނެ ކަމެވެ.

މައިންނަށް އަޅާލައި މައިމީހާއަށް ހެޔޮކޮށް ހިތައި ލޯބިދީގެން ގެންގުޅުމަކީ ދުނިޔޭގައިވެސް އެމީހަކަށް ރަނގަޅު ގޮތްތައް މިންވަރު ކުރައްވަވާ ކަމެކެވެ. އެކަން ތަޖުރިބާ ކޮށްގެން ތިބި މީހުން ބައިވަރެވެ. ހަމަ އެއާއިއެކު އެމީހަކަށް ވެވުނު ވަރަކުން އެހެން މީހުންނަށް އެހީތެރިވެދިނުމަކީވެސް ދެދުނިޔޭގައިވެސް އެކަމުގެ ފައިދާކުރާނެ ކަމެކެވެ. ދެކަމަކީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެ 2 ކަންތަކެވެ.

ތިރީގައި އެވަނީ 2 ކަންތައް ކުރި އަންހެނަކަށް ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކައެވެ. ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އަޅުގަނޑުގެ ހުރީ ހަމައެކަނި މަންމައެކެވެ. ބައްޕަ ވަނީ ވަރަށް ކުޑައިރު ނިޔާވެފައެވެ. އަޅުގަނޑުމެން ދިރިއުޅެނީ އަޅުގަނޑުކުރާ މަސައްކަތުން ލިބޭ އާމްދަނީގެ ބޮޑުބައެއް ހޭދަކޮށްގެން ކުޑަކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ.  

އެފަދަ ގޮތަކަށް ދިރިއުޅުމުގެ ކަންކަން ހުއްޓައި ފާޚާނާއަށް ވެއްޓި މަންމަގެ ފައިބިނދިގެން ހޮސްޕިޓަލުގައި ބާއްވަން ޖެހިއްޖެއެވެ. ވަޒީފާއަދާކުރަމުން މަންމަ ބަލަހައްޓަމުން އެއިރު އުޅެންޖެހުނީ ވަރަށް ބުރަޙާލުގައެވެ. ގިނަވާނީ މަންމަ ގާތުގައި ހޭލާ އިނދެފައި ހޮސްޕިޓަލުން ފެންވަރާލައިގެން ވަޒީފާއަށް ދިއަ ދުވަސްތަކެވެ.  

ވަޒީފާއަދާކުރާ ވަގުތުވެސް މަންމަ ގާތަށް އައިސް ކަންކަން ބަލަމެވެ. މަންމަ ދެކެ އަޅުގަނޑު ވާލޯބި އެނގި އަދި އަޅުގަނޑު އުޅޭ ޙާލުފެނި ނަރުހުން އަޅުގަނޑަށް ރަޙުމްކުރެއެވެ. މަންމަ ގާތު ނުއިނދެވޭ ވަގުތުކޮޅު މަންމަގެ ކަންކަން ބަލަހައްޓައިދެއެވެ.  

މަސައްކަތްކުރަމުން މަންމަބެލުން އެއީ ބުރައެއް ކަމަކަށް ނުދެކެމެވެ. ޗުއްޓީނަގާކަށްވެސް ބޭނުމެއް ނުވިއެވެ. އެއީ މަންމަ ހޮސްޕިޓަލުގައި ބާއްވަންޖެހެނީ ކިހައިދުވަހެއްވަންދެންކަން ނުއެނގޭތީއެވެ. އަދި ކަމެއް ބޮޑުވެގެން ރާއްޖެއިން ބޭރުންވެސް ފަރުވާ ހޯދަންޖެހިއްޖެނަމަ ގޮވައިގެންދާންޖެހޭނެތީއެވެ. 

އެއިރު އަޅުގަނޑުގެ ޢުމުރަކީ 30 އަހަރެވެ. އެހައިތަނަށް ކައިވެންޏަކާއިމެދު މާބޮޑަކަށް ވިސްނައިވެސް ނުލަމެވެ. ނަމަވެސް އެދުވަސްވަރު ވަރަށް ވިސްނުނެވެ. އެއީ ފިރިއަކު ހުރިނަމަ އޭނާގެ ކިބައިންވެސް ކޮންމެވެސް އެހީތެރިކަމެއް ލިބި ތަންކޮޅެއް ލުއިވެދާނެކަމުގެ އުންމީދުގައެވެ. އެހެން ބަލިމީހުން ގާތު ޑިޔުޓީ ބަހައިގެން މީހުންތިބޭތަން ފެންނާތީއެވެ.  

އެދުވަސްވަރު ހަމައެވޯޑުގައި ޒުވާނަކު ފައިބިނދިގެން ބޭއްވިއެވެ. ސައިކަލަކުން ޖެހި އޭނާގެ ފައިވަނީ 2 ތަނުން ބިނދިފައެވެ. އޭނާ ބަލަހައްޓަނީ އޭނާގެ ބައްޕައެވެ. އެއީ ވަރަށް މުސްކުޅި މީހެކެވެ. އެއުމުރުގެ މީހަކު ރޭގަނޑު ހޭލާ އިންނަތަން ފެންނަން ފެށުމުން އޭނާއާއި ވާހަކަ ދައްކައި ރޭގަނޑު ބަލަހައްޓައިދޭނެކަމަށް ބުނެ އެބޭބެ ގެއަށް ނިދަން ފޮނުވަންފެށީމެވެ. އަދި އެކަމުން އަޅުގަނޑަށް ދެއްވަވާ ޘަވާބު މަންމައަށް ދެއްވެވުންވެސް އެދުނީމެވެ.

ހޮސްޕިޓަލުން އަޅުގަނޑުގެ މަންމަ އާއި އެޒުވާނާ ގެއަށް ދޫކޮށްލީ އެއްދުވަހަކުއެވެ. އެދެބަފައިން ދިއައީ އަޅުގަނޑުގެ މައުލޫމާތު އޮޅުންފިލުވައިގެންނެވެ. ފަހުން ބައްދަލުކުރާނެ ކަމަށްވެސް ބުންޏެވެ.  

އެއިގެ މަހެއްހައި ދުވަސްފަހުން އެދެބަފައިން ގުޅުމުން މަންމަގޮވައިގެން އެގެއަށް ދިއައީމެވެ. ދެބަފައިން ދިރިއުޅެނީ 2 ކޮޓަރީގެ އެޕާޓްމަންޓެއްގައެވެ. 3 ފްލޯ ކުއްޔަށް ދީފައި ހުރެއެވެ. ބައްޕަ ބުނީ އޭނާގެ އަންހެން ދަރިއަކު ނެތްކަމަށާއި ތިބެނީ 3 ފިރިހެންދަރިން ކަމަށެވެ. އެތަނުން 2 ދަރިން ދިރިއުޅެނީ މަންމަގެ ގޯތި ހަދައިގެން އެގޭގައި ކަމަށެވެ. އަދި ހޮސްޕިޓަލުގައި އެކަނި އުޅެންޖެހުނީ އެ 2 ދަރިންވެސް ޢާއިލާ ގޮވައިގެން މިވަގުތު ރާއްޖެއިން ބޭރުގައި ދިރިއުޅޭތީ ކަމަށެވެ.  

ބައްޕަބުނީ އަޅުގަނޑު ގެންދިއައީ އަޅުގަނޑުގެ ކަންކަން އެނގިފައިވާތީ އާއި މަންމައަށް ކުރި ޚިދުމަތާއި އޭނާގެ ދަރިފުޅަށް ބެހެއްޓި އެހީތެރިކަން ލޮލަށްފެނުމުން 2 ހަދިޔާއެއް ދޭން ކަމަށެވެ. އެއް ހަދިޔާއަކީ ބޭނުންނަމަ މަންމަ ގޮވައިގެން އައިސް އެގޭގެ އެޕާޓްމަންޓެއްގައި ކުއްޔެނެތި ޢުމުރަށް ތިބެވުން ކަމަށެވެ. އަނެއް ހަދިޔާއަކީ އަޅުގަނޑު އެހީތެރިވި އޭނާގެ ދަރިފުޅުގެ ކައިވެނިކަމަށެވެ. 2 ވަނަ ހަދިޔާ ބޭނުންކުރިނަމަވެސް އަދި ނުކުރިނަމަވެސް އަޅުގަނޑުމެން ދިރިއުޅެން އެޕާޓްމަންޓް ދޭނެ ކަމަށެވެ.  

އަޅުގަނޑު ފުރަތަމަ ބޭނުންކުރީ ފުރަތަމަ ހަދިޔާއެވެ. 2 ވަނަ ހަދިޔާ ބޭނުންކުރީ އެތަނުގައި އަހަރެއްހައި ދުވަހު ދިރިއުޅެ އެ ޒުވާނާގެ ޙަޤީޤަތް އެނގުމުންނެވެ. އޭނާއަކީ ތަޤްވާވެރި ރަނގަޅު ޒުވާނެކެވެ. ބައްޕަގެ ބަސް ޤަބޫލުކުރާ އަދި ހިތްހެޔޮ އަޚްލާޤް ރަނގަޅު ޒުވާނެކެވެ. ކައިވެނީގެ ގޮތުން ގުޅުނީ އެކަންކަން ޔަޤީންކުރެވުމުންނެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! މިކިޔައިދިނީ މާކުރީގެ ވާހަކައެއް ނޫނެވެ. މައިވެނިކުރީ މީގެ އަހަރެއްހައި ދުވަސްކުރިންނެވެ. ކައިވެނީގައި މޭވާއަޅައިފިއެވެ. ނަމަވެސް ދޮން ނުވާތީ އަދި ނުބިނދެވެއެވެ. އެކަމުގައި އަޅުގަނޑަށް ފަސޭހަ ރަހްމަތެއް ލައްވަވައިދެއްވަވާތޯ ދުޢާކޮށްދެއްވާށެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުމީ ރަހަނުބަލައި ކާން ބޭނުންނުވާ ޒުވާނުންނަށް އެފުރުޞަތު ނުދީ ރަނގަޅު ޒަވާޖެއް ނުލިބޭނެ ކަމަށް ބުނާ ބުނުން ޤަބޫލުނުކުރާށެވެ! އުފާވެރިކަން ދެއްވެވުން ވަނީ ﷲ އަށް ނޫންހެއްޔެވެ؟ އުފާވެރިކަން ލިބޭނީ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރުމުން ކަމަށް ޤަބޫލުކުރާނަމަ އެ އިންކާރުކުރެވެނީ ﷲ ގެ ވަޙީއަށެވެ. ޤުރްއާނަށެވެ. މިއީ އަޅުގަނޑު އެންމެ ކުޑައިރުންސުރެ ޔަޤީންކޮށްގެންހުރި ގޮތެވެ. ވާގިއެދިގެން މަސައްކަތްކުރި ތިއަރީއެވެ. އަޅުގަނޑު މަސައްކަތްކުރި ގޮތަށް އަޅުގަނޑަށް މިވަނީ ހިންމަވައިދެއްވަވާފައެވެ. އެންމެންނަށްވެސް ހިންމަވައިދެއްވަވާނެތެވެ. އިން ޝާ ﷲ

 

- ޢާއިޝަތު މޫސާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން