މި ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު ރާއްޖޭގެ ޞިއްޙީ ނިޒާމަށް ޢުމްރާނީގޮތުން އިންޤިލާބީ ބޮޑު ބަދަލެއް ފެނިގެންދާނެ ކަމަށް ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފް ވިދާޅުވެއްޖެއެވެ. ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ރިޔާސީ ބަޔާން ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުންނެވެ.
ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފް ވިދާޅުވީ، ޞިއްޙީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ގިނަ ހޮސްޕިޓަލްތަކެއްގެ މަސައްކަތް އެކި މަރުޙަލާގައި ކުރިއަށްދާއިރު، މިއަހަރުގެ ތެރޭގައިވެސް ބައެއް ހޮސްޕިޓަލްތައް ނިމި ޚިދުމަތް ދޭން ފެށޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މިވަގުތުވެސް އެކި ރަށްރަށުގެ ހޮސްޕިޓަލްތަކުގެ މަސައްކަތް ހަވާލުކުރެވި ބައެއް ތަންތަން ނިމުމަކާ ގާތްވެފައިވަނީ. އެގޮތުން މިއަހަރުގެ ތެރޭގައި 6 ހޮސްޕިޓަލެއްގެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެކަމަށް މިބަލަނީ،" ޝަރީފް ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި މަސައްކަތް ނިމި ޚިދުމަތް ދޭން ފެށޭނެ ކަމަށް ލަފާކުރާ ރަށްތަކުގެ ތަފްޞީލް ދެއްވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، އޭގެ ތެރޭގައި ހއ. ހޯރަފުށި، ނ. ކެނދިކުޅުދޫ، ރ. ދުވާފަރު، ބ. ތުޅާދޫ، ޅ. ހިންނަވަރު އަދި ކ. ގުރައިދޫގެ ހޮސްޕިޓަލްތައް ހިމެނޭ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ. މި މަޝްރޫޢުތައް ނިމުމުން ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ފެންވަރު މަތިވެ، ޢުމްރާނީގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.