މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ ހަވާލުކޮށްފައިވާ ހުރިހާ މަޝްރޫޢުތަކެއްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލުމަކީ އެ ކުންފުނީގެ ބޮޑު އަމާޒެއް ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މަތީން ވިދާޅުވީ، އެ ކުންފުނިން މިހާރުވެސް ރަށްރަށުގައި ފެނާއި ނަރުދަމާގެ 27 މަޝްރޫޢެއް ކުރިއަށްގެންދާ ކަމަށެވެ. މީގެ ތެރެއިން ގިނަ މަޝްރޫޢުތަކަކީ މީގެ ކުރިން ފަށާފައި އެކި ސަބަބުތަކާހުރެ ހުއްޓިފައި ހުރި މަޝްރޫޢުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މަޝްރޫޢުތަކުގެ ތަފްސީލު ހިއްސާކުރައްވަމުން މަތީން ވިދާޅުވީ، "އެމްޑަބްލިޔުއެސްސީއާ ހަވާލުކުރައްވާފައިވާ ރަށްތައް ފަށައިގެން ކުރިއަށް މި ގެންދަނީ. އިރާދަކުރެއްވިއްޔާ ހުއްޓުމެއްނެތި މަސައްކަތްތައް ކުރިއަށް ގެންދާނަން. އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންނާ މިހާރު ހަވާލުކުރައްވާފައިވާ ހުރިހާ ނަރުދަމާގެ މަސައްކަތެއްވެސް މިއަހަރު ތެރޭގައި ނިންމުން،" ކަމަށެވެ.
މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މަތީން ވިދާޅުވީ، އެކި ރަށްރަށުގައި މަސައްކަތް ކުރާއިރު މަސައްކަތް ކުރާނެ މީހުން ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. ނަމަވެސް އެފަދަ ގޮންޖެހުންތަކާއެކުވެސް މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް ކުންފުނިން އިސްކަންދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
އެމްޑަބްލިޔުއެސްސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ޚިދުމަތްތައް ގާއިމުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ހަވާލުކޮށްފައިވާ މަޝްރޫޢުތައް ނިންމުމަކީ ސަރުކާރުގެ އަމާޒުތަކާ އެއްގޮތަށް ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާގެ ޚިދުމަތް އަވަސްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ދެކެއެވެ.