އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ހާމަކޮށްފިއެވެ. މި މަޝްރޫޢުތަކަކީ މިއަހަރުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ މަސައްކަތްތަކެކެވެ.
މިކަމާ ގުޅޭގޮތުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މިއަހަރުގެ ތެރޭގައި ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ. މީގެ ތެރޭގައި މާލޭގެ ދެވަނަ އާރބަން ހެލްތު ކެއަރ ސެންޓަރު ޤާއިމްކުރުމާއި، ލެބޯޓްރީގެ ފްލެބޮޓޮމޯ ޚިދުމަތްތައް ގްރައުންޑް ފްލޯއަށް ބަދަލުކުރުން ހިމެނެއެވެ.
ސީއީއޯ ޙަލީމް އިތުރަށް ވިދާޅުވީ، "މިއަހަރުގެ ތެރޭގައި ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ކުރުމަށް ރޭވިފައިވާ ބައެއް މުހިންމު މަސައްކަތްތަކަށް އަލިއަޅުވާލާނަން. މީގެ ތެރޭގައި ދެވަނަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރ ޤާއިމްކުރުމާއި، ޓެމްޕަސް ސިސްޓަމް މެދުވެރިކޮށް ލޭގެ ސާމްޕަލްތައް އުފުލުމުގެ ނިޒާމު ޤާއިމްކުރުން ހިމެނޭ."
މީގެ އިތުރުން، އައިޖީއެމްއެޗުގެ ވޯޑުތައް ބަލި މީހުންނަށް އެކަށޭނަ ގޮތަށް އަލުން ފަރުމާކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ބަދަލުތަކާއެކު ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.