ރަމަޟާން މަހަށް ޑިސްކައުންޓުދިނުމަށް ސްޓެލްކޯއިން ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިންގ ނެގުމުގެ މަސައްކަތް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ރަމަޟާން މަހަށް ޑިސްކައުންޓުދިނުމަށް ސްޓެލްކޯއިން ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިންގ ނެގުމުގެ މަސައްކަތް ފަށަނީ

ރަމަޟާން މަހުގެ ކަރަންޓު ބިލުތަކަށް ޑިސްކައުންޓު ދިނުމަށްޓަކައި، އެ މަހަށް ޚާއްޞަ ވަކި ބިލެއް ތައްޔާރުކުރުމުގެ ގޮތުން މީޓަރުތަކުގެ ރީޑިންގ ނެގުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، އެކަން ތަންފީޒުކުރުމަށްޓަކައި ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރަން ޖެހޭ ކަމަށެވެ. މި މަސައްކަތުގެ ދަށުން މީޓަރުތަކުގެ ރީޑިންގ ނެގުން މި މަހުގެ 16 އަދި 17 ވަނަ ދުވަހު ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

ރަމަޟާން މަހަކީ އާންމުކޮށް ކަރަންޓާއި ފެނުގެ ޚަރަދު ބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައެވެ. މިއީ ރަމަޟާން މަހުގެ ބަރަކާތާއި ގުޅުވައިގެން ރައްޔިތުންގެ ޖީބަށް ލުއިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރިއަށްގެންދަވާ ކަމެކެވެ.

މީގެ އިތުރުން، ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންގެ ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ވަނީ ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށްވެސް ނިންމާފައެވެ. މި ހުރިހާ ފިޔަވަޅުތަކަކީވެސް ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މިއަދު އޮންލައިން