ރޯދަ ޕްރޮމޯޝަންގެ ނަމުގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ރޯދަ ޕްރޮމޯޝަންގެ ނަމުގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

މި ދުވަސްވަރަކީ ރޯދަ މަހާ ދިމާކޮށް ތަފާތު ޕްރޮމޯޝަންތައް ކުރިއަށްދާ ދުވަސްވަރަކަށް ވުމާއެކު، ރޯދަ ޕްރޮމޯޝަންގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުން ވިދާޅުވީ ސްކޭމަރުން ދަނީ ތަފާތު އުކުޅުތައް ބޭނުންކޮށްގެން އާންމުންގެ އަތުން ފައިސާ ހޯދަމުން ކަމަށެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ސީނިއަރ ސާރޖެންޓް ޢަބްދުﷲ ޝަހުނީޒް ވިދާޅުވީ، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް މިފަދަ 48 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލަތަކުގައި ޖުމްލަ 230,020 ރުފިޔާގެ ގެއްލުން އާންމުންނަށް ލިބިފައިވާކަން ފުލުހުން ފާހަގަކުރެއެވެ.

އޮންލައިން ޕޭޖުތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގެ ތެރޭގައި، ފައިސާ ދެއްކުމުން މުދާ ފޯރުކޮށްނުދިނުމާއި، ފޭކު އޮންލައިން ޝޮޕްތައް ހިންގުމުގެ އިތުރުން ބޮޑެތި ޑިސްކައުންޓުތަކުގައި މުދާ ވިއްކާ ކަމަށް ދައްކައިގެން ހިންގާ ހަރަކާތްތައް ހިމެނެއެވެ. ފޭސްބުކް މާކެޓް ޕްލޭސް އާއި އިންސްޓަގުރާމް ފަދަ މީސްމީޑީއާ ޕްލެޓު ފޯމުތަކުގައި އަސްލު ވިޔަފާރިތަކުގެ ނަމުގައާއި، ފޭކް ޕޭޖުތައް ހަދައިގެން މިފަދަ އަމަލުތައް ހިންގާކަމަށް ޝަހުނީޒް ވިދާޅުވިއެވެ. ވަކިން ޚާއްޞަކޮށް "ޕޮޝް"، "ލިޕްޓަސް" އަދި "ޑެކް" މި ތިން ނަމުގައި ހިންގާ ޕޭޖުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން، ވިޔަފާރި ހިންގާ ފަރާތްތަކުން އާންމުންނަށް އެނގެންޖެހޭ މައުލޫމާތުތައް ފުރިހަމަކުރުމަށާއި، އެއްވެސް އިތުރު ހަރަކާތެއް ކުރިއަށްގެންދާނަމަ އެކަން ރަސްމީ ޕޭޖުތަކުގައި ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. މިއީ ވިޔަފާރިތަކުގެ ނަމުގައި ހިންގާ އޮޅުވާލުންތަކުން އާންމުން ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ދެކެއެވެ.

އޮންލައިންކޮށް ވިޔަފާރިކުރުމުގައި، އެއީ ސައްހަ ވިޔަފާރިއެއްތޯ ކަށަވަރުކުރުމަށްޓަކައި https://business.egov.mv/ ޕޯޓަލް މެދުވެރިކޮށް ވިޔަފާރީގެ ރަޖިސްޓްރީ ބެލުމަށް ފުލުހުން އިރުޝާދުދެއެވެ. އަދި މުދަލަށް ފައިސާ ދެއްކުމުގެ ކުރިން، އެ މުދަލެއް ލިބޭނެކަން ޔަގީންކުރުމަކީ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ކަމެއް ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.

މިއަދު އޮންލައިން