ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 36.43 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ ކަސްޓަމްސްއިން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ކަސްޓަމްސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މިތަކެތި އަތުލައިގެންފައިވަނީ ކަނޑުމަގުން މާލޭ ކޮމާޝަލް ހާބަރަށް ގެނައި މުދާ ޝިޕްމަންޓެއް މިމަހުގެ 12 ވަނަ ދުވަހު ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މަސްތުވާތަކެތިކަމަށް ޝައްކުކުރެވިގެން މިތަކެތި ބަލައި ފާސްކުރުމުގެ ތެރޭގައި ހެދި ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން މިތަކެތި ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.
މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 36.43 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 29 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް ކަސްޓަމްސްއިން ހާމަކުރެއެވެ.
މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކާ، އަތުލައިގަނެވުނު މަސްތުވާތަކެތި ކަސްޓަމްސްއިން މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލައި ތަޙުޤީޤު ކުރަމުންނެވެ.