ﷲ ތަޢާލާގެ އަލަކު ކަމަކަށް އެދިގެން ދުޢާކޮށްފިނަމަ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ.
އެއްގޮތަކީ އެމީހާ އެދުނު ގޮތަށް އެކަމެއް ހިންމަވައި ދެއްވެވުމެވެ. ދެވަނަ ގޮތަކީ އެއިގެ ބަދަލުގައި އެފަދަ އެހެން ހެޔޮ ގޮތެއް މިންވަރުކުރެއްވެވުމެވެ. 3 ވަނަ ގޮތަކީ އާޚިރަތް ދުވަހަށް ލަސްކުރެއްވެވުމެވެ.
ކޮންމެއަކަސް ގގިނަބައަކު ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވާ އެންމެ ޢާންމު ސަބަބު ބުނެލާނަމެވެ. އެއީ ޣާފިލުކަންމަތީގައި ދުޢާކުރުމެވެ. ދުޢާކުރާ ބޭނުން ހިތަށް ނުގެނެސް ހަމައެކަނި ދުލުން ކިޔައިލާ ބަނދިވަރެއްގެ ގޮތުގައި ކިޔައިލުމެވެ.
ވީމާ ދުޢާކުރަންވާނީ ވަރަށް އިޚްލާޞްތެރިކަމާއިއެކުގައެވެ. ރަނގަޅީ ދުޢާގެ މާނަ ހިތްމައްޗަށް ގެނައުމެވެ. އެކަން ނުކުރެވޭނަމަ އެންމެ ކުޑަމިނުން ތިމާ އެދޭ ބޭނުން ހިތްމައްޗަށް ގެންނާށެވެ! އަދި ތިމާގެ ހުރި ނިކަމެތިކަން ހިތްމައްޗަށްގެނެސް އާދޭސް ދަންނަވާ ޙާލުގައި ދުޢާކުރާށެވެ. އެގޮތަށް ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ. އިން ޝާ ﷲ
ހަމައެއާއިއެކު ޙަރާމް ގޮތުގައި ހޯދާތަކެތި ބޭނުންނުކުރާށެވެ. ޙަރާމްތަކެތި ކައިބޮއިނުހަދާށެވެ. އަދި ދުޢާ ޢިޖާބަކުރެއްވެވުން ލަސްވެގެން ކަންބޮޑުވެ ދުޢާކުރުން ހުއްޓައިނުލާށެވެ. އެއީވެސް ދުޢާ ޢިޖާބަ ނުކުރައްވަވާ ސަބަބެކެވެ.
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން