މަގުމަތީގަ އެއްޗެތި ވިއްކަން ހުރި އަންހެން ކުއްޖެއްގެ އަތުން ތަނަވަސް މީހަކު އެއްޗެއް ގަތެވެ. އަގުދިނުމުން ބާކީއަށް ލިބެންވާ ގިނަ ޢަދަދެއްގެ ފައިސާ އޭނާއަށް ހަދިޔާކޮށްފައި ދިއައިރު އަވަސް ވެފައިހުރިވަރުން ދެވުނީ ވޮލެޓްވެސް ބާއްވާފައެވެ.
އޭނާ ގޮސްވަނީ ކުރިމަތީގައި ހުރި ހޮޓަލަކަށެވެ. އެއިރު އަނބިމީހާ ހޮޓަލުގައި އޭނާއަށް އިންތިޒާރުކުރެއެވެ. ވޮލެޓް ނެތްކަން އެނގުމުން ކަންބޮޑުވެ އެވާހަކަ އަނބިމީހާގެ ގާތުގައި ބުންޏެވެ. އޭގައި ގިނަ ޢަދަދެއްގެ ފައިސާ ހުންނާނެ ކަމަށްވެސް ބުންޏެވެ.
އަނބިމީހާ ބުނީ ވޮލެޓް ހޯދަން އަވަހަށް ދިއުމަށެވެ. ފިރިމީހާ ބުނީ ވޮލެޓް ބޭއްވުނީ އެއަންހެންކުއްޖާ ހުރި ގާޑިޔާމަތީގައި ކަމަށާއި ހޯދަން ނުގޮސް މަޑުކޮށްލާނީ ކަމަށެވެ. "އަހުރެން އޭނާއަށް ހަދިޔާއެއްވެސް ދިނިން. ހީވަނީ އެކުއްޖާ ތެދުވެރިކަމާއިއެކު އެވޮލެޓް ގެނެސްދޭނެހެން."
އަނބިމީހާ ބުނީ އެހައި ދަށުދަރަޖައިގެ މީހަކަށް ފައިސާހުރި ވޮލެޓެއް ފެނުމުން ގެނެސްނުދޭނެ ކަމަށެވެ. ފައިސާކޮޅު ބޭނުންކޮށްލާނީ ކަމަށެވެ. އެހެން ބުނެފައި ފަޤީރުންނަށް ވަރަށް މަލާމާތްކުރުމުން ފިރިމީހާ ބުނީ ތިއަ ކީއެއްޗެތީގެ ޙަޤީޤަތް ބަލައިލަން ބޭނުންވާ ކަމަށެވެ. އެހެންވެ ނުގޮސް މަޑުކޮށްލާނީ ކަމަށެވެ.
އަނބިމީހާ އަނެއްކާވެސް ފަޤީރުންނަށް އެއްޗެތިކިޔައި ފުރައްސާރަކުރަން ފެށުމުން ފިރިމީހާ ބުންޏެވެ. "ކަންބޮޑުނުވާށެވެ. އެފައިސާކޮޅު ގެއްލުނަސް މައްސަލައެއް ނެތެވެ. ހޯދަން ދާނީ މިތަނުން ނުކުމެ ކަމަށެވެ. އަދި އޭނާ އެއަށް ތެދުވެރިވެއްޖެނަމަ އަނބިމީހާ ދެއްކި ވާހަކައިގެ އަގު އަދާކުރަންޖެހޭނެ ކަމަށެވެ.
ސައިބޮއިނިމިގެން ނުކުތްއިރުވެސް އަންހެންކުއްޖާ އޭނާގެ ހާޑިޔާ ކައިރީގައި ހުއްޓެވެ. ގޮސް ސުވާލުކުރުމުން ބުންޏެވެ. "ވޮލެޓް މިއޮތީއެވެ. އެއްވެސް ފައިށާއެއް އަދި އެހެން އެއްޗެއްވެސް މަދުތޯ ބަލައިލާށެވެ. މީހުން އެއްޗެތި ގަންނަން އަންނާތީ ހިފައިގެން ނުދެވުނީއެވެ. އެކަމަށް މާފުކުރާށެވެ. އެކަމަކު ސަރ ނުކުމޭތީ މިހުރީ ބަލާށެވެ!"
ވޮލެތްގައި ހިފައި ބެލިއިރު ފައިސާވެސް ކާޑުތައްވެސް އަދި އެހެން އެއްޗެތިވެސް ހަމައަށް ހުރުމުން އެވާހަކަ ބުނެފައި ކުއްޖާއަށް ބުންޏެވެ. "މިއަދުން ފެށިގެން މަގުމަތީގައި އެއްޗެތި ވިއްކަންހުރުން ނިމުނީއެވެ. ގާޑިޔާވެސް ވިއްކައިލާށެވެ! އަހުރެން ތިބާ އާއި ބަދަލުކުރަން ހަވީރު 4 ޖަހާއިރު އަންނާނަމެވެ."
ހަވީރުގޮސް އަންހެންކުއްޖާ ގޮވައިގެން ދިއައީ ފޭރާން ފިހާރައަކަށެވެ. ރީތި ހެދުން ގަނެދީގެން ގެންދިއައީ ސެލޫނަކަށެވެ. ސެލޫނުން ރީތިކުރުވައި ގަތްތަނުން ރީތި ފޭރާން ލައްވައިގެން ގޮވައިގެން ދިއައީ ގެއަށެވެ.
އަނބިމީހާއަށް އެކުއްޖާ ފެނުމުން ނުވެސް އެނގުނެވެ، ރީތިކަމުންނެވެ. އެންވެ ބުނާނެ އެއްޗެއްޗެއް ނުއެނގި ހުއްޓާ ފިރިމީހާ ބުންޏެވެ. "އަހުރެން ބޭނުންވަނީ މިއަންހެންކުއްޖާ މިގޭގައި ގެންގުޅޭށެވެ. އޮފީހުން ވަޒީފާއެއްވެސް ދޭނަމެވެ. މިހާ ތެދުވެރި ކުދިން މިހާރު ވަރަށް މަދުވާނެއެވެ. ކުރިއަށް ހުރި ކަންކަމުގެ ވާހަކަދައްކާނީ ފަހުންނެވެ."
އަނބިމީހާއަށް ޙަޖަމެއް ނުކުރެވުނެވެ. ބުންޏެވެ. "ގޮންޑުން ހޮވާކުނި ޕޮލިސްކޮށް އޮފްއެރުޥިމާ ރަނަސް ވަނީހެއްޔެވެ؟ ތިއަ ކުއްޖާ މިގެއަކު ނުގެންގުޅެވޭނެއެވެ. ތިއަކަހަލަ ފަޤީރުކުދިން މަގުމަތިން ހޮވައިގެން ގެނައިމާ ފެންވަރު އޮޅި ވަދެގަންނާނީ ދެމަފިރިންގެ ދޭތރެއަށެވެ. އެފުރުޞަތެއް ނުދޭނަމެވެ."
ފިރިމީހާގެ ޖަވާބަކަށްވީ: "އަހުރެންނަކީވެސް މަގުމަތީގައި އެއްޗެތި ވިއްކަން އުޅުނު މީހަކީމެވެ. އެހެންވީމާ އަހުރެންގެ މައްޗަށް އޮންނާނީވެސް ތިއަ ޙުކުމްތާއެވެ. މައްސަލައެއް ނެތެވެ. އަހުރެންނަށް މިއަދު ތަނަވަސްކަން ލިބިފަ ހުރީމަ އަހުރެންވީ އަހުރެންގެ މާޒީ ހަނދާން ނައްތާލަން ހެއްޔެވެ؟ އަހުރެން ބޭނުންވާ ގޮތާއި ނުރުހޭނަމަ މިގެއަށް އައި ގޮތަށް އެނބުރިދާށެވެ. ގެނައި ގޮތަށް ގެންގޮސްވެސްދޭނަމެވެ."
އަނބިމީހާ ބޭނުންވީ ގަދަކޮސްލާށެވެ! އެހެންވެ ބުނީ ގެއަށް އެނބުރިދާނީ ކަމަށެވެ. އެހއެން ބުނެފައި ގޮސް ގެންދަން ބޭނުންވާ އެއްޗެތި ފޮށިފޮސްޓަށް އަޅައިގެން ނުކުތުމުން އިތުރު ސުވާލެއްވެސް ނުކޮށް ޑްރައިވަރާއިއެކު ގެއަށް ފޮނުވީއެވެ.
އަނބިމީހާ ހީކުރީ ބަލައި އަންނާނެކަމަށެވެ. އެކަމުގެ އިންތިޒާރީގައި އިންދައި އެނގުނީ އެކުއްޖާއާއި ކައިވެނިކުރިކަމެވެ. ދެރަވީވަރުން އެނދުން ނުތެދުވެ ދެތިން ދުވަހު އޮވެފައި ގުޅައިލުމުން ބުނީ އިތުރަށް ގުޅުމުގެ ބޭނުމެއް ނެތްކަމަށެވެ. ތިއައިނީ ވަރިކޮށްފައި ކަމަށެވެ.
އަނބިމީހާއަށް އޭނާގެ ކުށް ޤަބޫލުކުރެވުނެވެ. ބޮޑާކަމާ ކިބުރުވެރިކަމުން ލިބުނު ދެރައެއްކަމަށް ޤަބޫލުކުރެވުނެވެ. ނިކަމެތިންނަށް ދެރަބަސްބުނެ ނިކަމެތިކުރުމުން ލިބުނު ގެއްލުމެއް ކަމަށްވެސް ޤަބޫލުކުރެވުނެވެ. ނަމަވެސް ވަޤުތު ފާއިތުވީފަހުންނެވެ.
މިއީ އަޅުގަނށް ފެނުނު ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތްތެރި ފިލާވަޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
- އައިންތު / މިއަދުނޫސް
- ޢިބްރަތްތެރި ވާހަކަ