4000 ފްލެޓުގެ ތެރެއިން 3850 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
4000 ފްލެޓުގެ ތެރެއިން 3850 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓުގެ ތެރެއިން 3850 ފަރާތަކާއެކު މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ހަމްދާން ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރި ފަރާތްތަކުގެ ތެރެއިން 3647 ފަރާތަކަށް މިހާރު ތަޅުދަނޑި ޙަވާލުކުރެވިފައިވާ ކަމަށެވެ. އަދި ތަޅުދަނޑިއާ ޙަވާލުވުމަށް ޝެޑިއުލް ކުރުމަށްފަހު، އެކި ސަބަބުތަކާހުރެ ނާދެވިފައިވާ 90 އެއްހާ ފަރާތްވެސް މި އަދަދުތަކުގެ ތެރޭގައި ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ފްލެޓަށް އެދި ހުށަހަޅާފައިވާ ލިޔެކިޔުންތައް އިތުރަށް ވެރިފައި ކުރަންޖެހޭތީ، ކަމާބެހޭ ވުޒާރާއިން މިހާތަނަށް އެލޮކޭޓްކޮށްދީފައިނުވާ 112 ފްލެޓެއް ވާކަމަށް ހަމްދާން ވިދާޅުވިއެވެ. އެފްޑީސީން ބުނީ އެ ފްލެޓުތަކުގެ ލިސްޓު ލިބުނުހާ އަވަހަކަށް، އެ ފަރާތްތަކާ ފްލެޓު ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އެފްޑީސީން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ މި މަޝްރޫޢަކީ 16 ފަންގިފިލާގެ 32 ޓަވަރުގެ މައްޗަށް އެކުލެވޭ މަޝްރޫޢެކެވެ. މީގެތެރޭގައި ހިމެނެނީ 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕާޓްމަންޓުތަކެވެ. ފްލެޓުތަކުގެ ތަޅުދަނޑި ޙަވާލުކުރަމުންދަނީ އެ ތަންތަނަށް ބޭނުންވާ ފެނާއި ކަރަންޓުގެ ޚިދުމަތް ފުރިހަމައަށް ގުޅައިދިނުމަށްފަހުގައެވެ.

މިހާރު އެ ސަރަޙައްދަށް އަލަށް ބަދަލުވަމުންދާ އާއިލާތަކަށް ބޭނުންވާ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އެފްޑީސީން މެދުނުކެނޑި ކުރަމުންދާކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

މިއަދު އޮންލައިން