ރަންދިހަ ފަހެއްގެ ނޫޓު ސީރީޒްގެ 20 ރުފިޔާގެ އައު ސްޓޮކެއް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. މިއީ ފައިސާގެ ނޫޓުތައް ހުސްވިޔަނުދީ ހިފެހެއްޓުމަށްޓަކައި އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނައި ސްޓޮކެކެވެ.
އެމްއެމްއޭއިން ބުނެފައިވަނީ 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އައު ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ. މީގެކުރިން ވެސް އެމްއެމްއޭއިން ވަނީ މި ސީރީޒްގެ 100 ރުފިޔާގެ އައު ސްޓޮކެއް ރާއްޖެ ގެނެސްފައެވެ.
މަރުކަޒީ ބޭންކުން އިތުރަށް ތަފްސީލް ދެމުން ބުނެފައިވަނީ މިއީ އާއްމުކޮށް ފައިސާގެ ނޫޓުތައް މަދުވުމާއި ގުޅިގެން ކުރާ ކަމެއް ކަމަށާއި، މިއީ އަލަށް ފައިސާ ޗާޕުކުރުން ނޫން ކަމަށެވެ. މިހާރު ބާޒާރުގައި ދައުރުވާ 20 ރުފިޔާގެ ނޫޓުތަކަކީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާ ނޫޓުތަކަކަށް ވާތީ، ނޫޓު ހުސްވެދާނެ ހާލަތަކަށް ކުރިއާލާ ތައްޔާރުވުމަކީ މުހިންމު ކަމެއް ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.
އިގްތިސާދީ ނަޒަރަކުން ބަލާއިރު، މިއީ އިގްތިސާދުގެ ތެރެއަށް އަލަށް އިތުރުވާ ފައިސާއެއް ނޫނެވެ. އެމްއެމްއޭއިން ބުނި ގޮތުގައި މިއީ މިހާރުވެސް ބޭނުންކުރަމުންދާ ފައިސާގެ ސްޓޮކް ހުސްނުކޮށް ދެމެހެއްޓުމަށާއި، ބާވެ ހަލާކުވެފައިވާ ނޫޓުތައް ބަދަލުކުރުމަށް ކުރާ މަސައްކަތެކެވެ.