ޅެންވެރިންނަކީ ޤައުމެއްގެ ދެމިއޮތުމާއި، އަޚުލާގާއި، ދިރިއުޅުމުގެ މާނަތަކާއި މަޤްޞަދުތައް މުޖުތަމަޢަށް ބަޔާންކޮށްދޭ ބައެއް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް އައްޑޫ ހައި ސްކޫލުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ޅެންވެރިންނަކީ މުޖުތަމަޢުގެ އަޚުލާޤީ މިންގަނޑުތަކާއި ދިރިއުޅުމުގެ އަސްލު މަޤްޞަދުތައް އަންގައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އަދި ހިތްވަރާއެކު ޅެންވެރިކަން ޒުވާން ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ގައުމިއްޔަތު އިޔާދަކުރުމަށް ގެންގުޅުއްވާ ތަޞައްވުރަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރައީސްގެ ފުރަތަމަ ޤައުމީ މުޚާޠަބުކުރެއްވުމުގައާއި، މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ދިވެހި ތަރިކައާއި ގައުމިއްޔަތު އިޔާދަކުރުމުގެ މަޝްރޫޢުގެ މުހިންމުކަން ބަޔާންކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިދާއިރާ ކުރިއެރުވުމަށް ގެންނަންޖެހޭ ބަދަލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާކަން ބަޔާންކުރައްވަމުން، ދިވެހި އަދަބިއްޔާތާއި ޅެންވެރިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.