މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އަލަށް ތާރުއެޅި ސަރަހައްދު އަންނަ އަންގާރަ ދުވަހު އާންމުންނަށް ހުޅުވާލާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް މަސައްކަތް ނިންމައި، މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ދެވަނަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އަދި އަންނަ އަންގާރަ ދުވަހު މި ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން އެމްޓީސީސީން އިތުރަށް ވިދާޅުވީ، ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ މަގުގެ ނިޝާންތައް ކުރެހުމާއި މަގު ބައްތި ޖެހުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.
ބާޒާރުމަތީ ސަރަހައްދަކީ ޚާއްޞަކޮށް ރަމަޟާންމަހު ވަރަށް ބޮޑަށް ބާރުބޮޑުވާ ސަރަޙައްދަކަށްވާއިރު، މަގު ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތް ނިމުމުން އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ. މި ބަދަލާއެކު ބާޒާރުމަތީގެ ޓްރެފިކް ފްލޯއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.