މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކުރި ސަރަހައްދު ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި މިރޭ ފަތިހު ހުޅުވާލުމަށް ނިންމައިފިއެވެ. މި ބަދަލާއެކު މާލޭގެ ބާޒާރުމަތީގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކޮށް ހުޅުވާލެވޭ ސެގްމަންޓް، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. މި ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ 16 ފެބްރުއަރީ 2026 ވާ ހޯމަ ދުވަހުގެ ފަތިހު 5:00 އިން ފެށިގެންނެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، ހަތަރު ލޭނު ހިމެނޭގޮތަށް ތަރައްޤީކޮށްފައިވާ ސަރަހައްދެކެވެ. ވަޒީރު އަމީން ވިދާޅުވި ގޮތުގައި މި ގެނެވުނު ބަދަލާއެކު އެ ސަރަޙައްދުގައި ދެކޮޅަށް ދުއްވޭނެ އިންތިޒާމު ހަމަޖެހުމުން، ދަތުރުފަތުރު ކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ބާޒާރުމަތީ ސަރަހައްދަކީ ޚާއްޞަކޮށް ރަމަޟާންމަހު ވަރަށް ބޮޑަށް ބާރުބޮޑުވާ ސަރަޙައްދަކަށްވާއިރު، މަގު ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތް ނިމުމުން އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
މި ސަރަހައްދު ތަރައްޤީކޮށް ނިމުމުން މާލޭގެ އުތުރު ފަރާތުގެ ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. މީގެ ކުރިން ބޮޑުތަކުރުފާނު މަގުގެ މި ސަރަހައްދަކީ އެއްކޮޅަށް ދުއްވާ ގޮތަށް އޮތް ސަރަހައްދެކެވެ.