ރޯދަ މަހުގެ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޫކުރާ މަސްދަޅު ކޭސް، ރާއްޖޭގެ ހަ ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި ބަހާ ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ހަ ރަށެއް ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު މަސްދަޅު ކޭސް ބަހާ ނިމިފައިވާ ކަމަށެވެ. މިއީ ރޯދަ މަހާ ގުޅިގެން ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްޞަ މަޝްރޫޢެކެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަށްރަށުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ދިޔައިރު، ރަށްރަށުގައި ދިރިއުޅޭ މީހުންގެ ގޭބިސީ ލިސްޓުތައް އަދާހަމަކޮށް ބެލެހެއްޓުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދަ އެހީތައް ދިނުމުގައި ސައްހަ މަޢުލޫމާތު ހުރުމަކީ މަސައްކަތް އަވަސްކުރުމަށް ލިބޭ ބޮޑު ބާރެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަތޮޅުތަކުގެ ރަށްރަށުގައި މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެ ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށެވެ. މާލެ ސަރަޙައްދުގައިވެސް އެކި ސަރަޙައްދުތަކަށް ބަހާލައިގެން މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މާލެ ސަރަޙައްދުގައި މިހާރު މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދަނީ މިފްކޯގެ މަރުކަޒުތައް މެދުވެރިކޮށް ކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ. މި ހަދިޔާއަކީ ރޯދަ މަހުގެ ތެރޭގައި ކޮންމެ ގޭބިސީއަކަށްވެސް ލިބޭނެ އެއްޗެއްކަން ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.