ކުޅިވަރުގެ ދިގު ރާސްތާ ޕްލޭނަކީ ސަރުކާރުން ކުޅިވަރު ގެންދަން ބޭނުންވާ މިސްރާބު ދައްކުވައިދޭ ޕްލޭނެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ "މޯލްޑިވްސް ސްޕޯޓްސް އެވޯޑު 2025" ހަފްލާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރު ވިދާޅުވީ ކުޅިވަރު ދާއިރާގެ ތަސައްވުރަކީ ދިގު ރާސްތާ ޕްލޭނެއްގެ ދަށުން، ކުޅުންތެރިންނާއި، ފަންނީ މީހުންނާއި، ވަސީލަތްތަކުގެ އިތުރުން ޒަމާނީ ފެންވަރުގެ ބިނާތަކާއި ގުޅިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މި ތަސައްވުރު ވެގެންދާނީ ދެމެހެއްޓެނިވި ގޮތެއްގައި ކުޅިވަރު ކުރިއަރާނެ ނިޒާމަކަށް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އަމާޒުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، "އަޅުގަނޑުމެންގެ ތަސައްވުރަކީ އަޅުގަނޑުމެން ބިނާކުރާ ކޮންމެ ތަނަކީ، ހަމަ އެކަނި ކުޅޭ ތަނަކަށް ހެދުމެއް ނޫން. އަޅުގަނޑުމެން މިބިނާކުރަނީ ދެމެހެއްޓެނިވި ގޮތެއްގައި ކުޅިވަރު ކުރިއަރާނެ ވަރުގަދަ ނިޒާމެއް" ކަމަށެވެ.
މީގެއިތުރުން، ކުޅިވަރުގެ ދިގު ރާސްތާ ޕްލޭނަކީ ސަރުކާރުން ކުޅިވަރަށް ގެންދަން ބޭނުންވާ މިސްރާބު ދައްކުވައިދޭ ޕްލޭނެއްކަން ފާހަގަކުރައްވައި، ޢުމްރާނީ ތަރައްގީގެ މަޝްރޫޢުތަކާއި އަލަށް ކުޅިވަރަށް ނުކުންނަ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމުތަކާއި، މަތީ ފަންތީގެ ތަމްރީނުތައް މިހާރު ވަނީ ގައުމީ ލަނޑުދަނޑިތަކާއި އެކު ބައްޓަންކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ މިސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު ކުޅިވަރު ދާއިރާއަށް ވީ ވަޢުދުތަކަކީ ހަމައެކަނި ބުނެލި ބަހެއް ނޫންކަމުގެ ޔަގީންކަން ދެއްވަމުންނެވެ. އެގޮތުން އެ ވަޢުދުތައް މިހާރުވެސް ހަލުވިކަމާއިއެކު ފުއްދަމުންދާތަން ފެންނަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.