ލޯބިވެރިޔާ ކައިވެނިކުރުމުން މަސްތުވާންފެށި ޒުވާނަކު އެކަންކުރުން ހުއްޓާލައި މިސްކިތުގައި އިންނަން ފެށުމުން ރަށުގެ އެންމެ ތަނަވަސް މީހެއްގެ ދަރިއަކާ ކައިވެނިކުރެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 9ސ
ލޯބިވެރިޔާ ކައިވެނިކުރުމުން މަސްތުވާންފެށި ޒުވާނަކު އެކަންކުރުން ހުއްޓާލައި މިސްކިތުގައި އިންނަން ފެށުމުން ރަށުގެ އެންމެ ތަނަވަސް މީހެއްގެ ދަރިއަކާ ކައިވެނިކުރެވުނު ގޮތުގެ ވާހަކަ-

 

ދާދިފަހުން ކުއްލި ގޮތަކަށް ނިޔާވި 30 އަހަރުވެސް ނުވާ ޒުވާނާ މަރުވި ސަބަބު އެނގޭނީ މަދުމީހަކަށެވެ. ޢޭނާގެ ވަރަށް ގާތް އެކުވެރިއަކު ބުނި ގޮތުގައި އޭނާ ކައިވެނިކުރަން އުޅުނު ކުއްޖާ އެހެން މީހަކާއި ކައިވެނިކުރުމުން ލިބުނު ހިތްދަތިކަން ފިލުވަން ބައަކު ކައްކާ ރައުޒާތުގެ އެއްޗެއް ބޯންފެށީއެވެ. އެއިގެ ތޫނުކަމުން އެތެރެހަށީގެ ގުނަވަންތައް ފޭލްވެގެންދިއައީއެވެ. 

"އެކުވެރިޔާއަކީ އެހާގިނަ ފައިސާ ލިބޭ މީހެއް ނޫން. އެހެންވެ ބޮޑު އަގުދީފައި އޮރިޖިނަލް ނުގަނެވޭތީ އެބުއީ. އެކަން އަޅުގަނޑަށްވެސް އެނގުނީ މަރުވުމުގެ އެއްދުވަސްކުރިން ކިޔައިދިނީމަ. އަޅުގަނޑު ބުނިން ކުރެވުނު ކަމެއް ތިއޮތީ ކުރެވިފައޭ. ތައުބާވެ ދުޢާކުރާށޭ. އިން ޝާ ﷲ ފާފަފުއްސަވައި ސުވަރުގެ ވައްދަވާނެއޭ!"  

މިއީ ކިޔުންތެރިއަކު ބުނި ވާހަކައެކެވެ. އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރެއްވުމެވެ.  

މިބަސްކޯލުގެ ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އެޒުވާނާއަށް އަގުހުރި ޖަވާހިރެއް ފަދަ އަންތބަކު ހަމަ ލިބުނު ގޮތާއިމެދު ވިސްނަވައިލައްވާށެވެ.  

އަނބިމީހާ ޙާޞިލުކުރަން އޭނާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަދި ލިބެންދެން އެއީ ކާކުކަމެއްވެސް ނުއެނގެއެވެ. ޙަޤީޤަތަކީ އޭނާއަށް ލިބުނު މާޔޫސަކަމުގެ ސަބަބުން ހިތްހަމަޖައްސަން، ނަފްސާނީން، އެންޒައިޓީން ސަލާމަތްވާން ކުރިން ކުރެވުނު ކަންކަމަކީ ފާފަތައްކަން ވިސްނި އެފާފަތައް ކުރުން ހުއްޓާލައި މިސްކިތުގައި ވަޤުތު ހޭދަކުރުމާއި އަޅުކަންކުރުން ގިނަކުރުމުން ގަދަފަދަ ބާރަކުން ދެމީހުން އެއްތަންކުރުވީއެވެ. ކައިވެނިވެސް ކުރެވުނީއެވެ.

ވިސްނަވާށެވެ! އެކަމުގެ ވަޤުތުޖެހުމުން ދަރިފުޅާއި ކައިވެނިކޮށްދޭން އެޒުވާނާބަލައި އަންހެން ދަރިފުޅުގެ ބައްޕައަށް ދެވުނީ ކިހިނަކުންހެއްޔެވެ؟ ބައްދަލުވެ ދައްކައިލެވުނު ވާހަކައަކަށް ހިތްހަމަޖެހިގެން ޒުވާނާ ގެއަށްގޮސް އަންހެންދަރިފުޅާއި ކައިވެނިކުރުވީއެވެ. މިފަދަ ކަންކަން މިހިނގަނީ ކޮންފަރާތެއްގެ ބާރުގައިކަމާއިމެދު ވިސްނައިލާށެވެ.  

ޔަޤީންކުރާށެވެ! ކޮންމެ ކަމަކަށްވެސް ޙައްލު ލިބެން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އެކަލާނގެ ޙައްލު ދެއްވެވުމުންނެވެ. ވީމާ ކަމެއް ދިމާވުމުން، މަސްތުވެ، ދުންފަތުގެ އިސްތިޢުމާލްކޮށް، ޝީޝާ ބުއިން ފަދަ ކަންކަންކުރުމަކުން އެކަމަށް ލިބޭނެ އެއްވެސް ޙައްލެއް ނެތެވެ. ޙައްލު ލިބުން އޮތީ ހަމަ އެކަނި ﷲ ތަޢާލާގެ ޙަޟްރަތަށް ކިޔަމަންޔެރިވެވުނުވަރަކުންނެވެ.

ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން މިކަންކަން ޔަޤީންވެލައްވާނެއެވެ. އިން ޝާ ﷲ 

މިހާރަކަށް އައިސް މީހުންގެ ޢަމަލުތަކަށް އަންނަމުންދާ ނުބައި ބަދަލުތަކުގެ ތެރެއިން ނުބައިކަން އެންމެ ބޮޑު އެއް ޢަމަލަކީ ހިތްދަތިކަން މެދުވެރިވުމުން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަންކަން ކުރެވުމެވެ. ހިތްހަމަޖެހުން ހޯދުމުގެ ބޭނުމުގައި ބޮޑެތި ފާފަތައް ކުރެވުމެވެ.  

ފުރަތަމަ ކަމަކަށް ވަރަށް ފަހުން ބައްދަލުވި ޒުވާނަކު ކިޔައިދިން ވާހަކައެއް ހިއްޞާކޮށްލާނަމެވެ. އޭނާ ބުނީ އޭނާ ލޯބިވެގެން އުޅުނު އަންހެން ކުއްޖާ އޭނާއަށް ޚިޔާނާތްތެރިވެ އެހެން މީހަކާއި ކައިވެނިކުރުމުން ލިބުނު ހިތާމަ ފިލުވުމުގެ ބޭނުމުގައި ބަނގުރާ ބޭނުންކުރަން ފެށުނު ކަމަށެވެ. އަދި އެކަން އޭނާގެ އެކުވެރި ޑޮކްޓަރަކަށް އެނގުމުން އޭނާގެ ގެއަށް ގެންގޮސް އެންމެ އަގުބޮޑު ބަނގުރާ 2 ފުޅި ގެނެސް މޭޒުމަތީގައި ބަހައްޓާފައި ބުންޏެވެ. "އެކުވެރިޔާއެވެ. ތިއަ ހިތާމަތައް ފިލަންދެން މިރޭ ބޯންވާނެއެވެ. މި 2 ފުޅި ހުސްކުރާއިރަށް ހިތާމަތައް ނުފިލިނަމަ އިތުރު 2 ފުޅި ދޭނަމެވެ."  

ޑޮކްޓަރު ދެއްކި ވާހަކަ އޭނާއަކަށް ނުވިސްނުނެވެ. ބޯންފެށީއެވެ. އިރުކޮޅަކުން ނިދިއްޖެއެވެ. ހޭލެވުނީ އަނެއް ދުވަހު މެންދުރުވަނިކޮށެވެ. ހޭލެވުނު އޮވެވުނީ ޑޮކްޓަރުގެ ގޭގެ ސިޓިންގރޫމްގެ ތަޅުންމަތީގައެވެ. އޮވެވުނީ ދެކަމުއެކީ ޙާޖަތަށް ދެވިފައެވެ.  

ތެދުވެގެން ގޮސް އެގޭގައި އަހަރެންހުރި ކޮޓަރީގެ ފާޚާނާއަށްވަދެ ފެންވަރާހަދައިގެން ނުކުތުމުން އެކުވެރިޔާ ބުންޏެވެ. "ރޭގަ ހާދަ ކަމެއް ނުކުރެވުނެވެ. އަވަހަށް ބޯންފަށަންވީ ނޫންހެއްޔެވެ؟ މިގެއިން ދާންވާނީ ހުރިހާ ހިތާމަތަކެއް ފިލުވާލައިގެންނެވެ. ތިއައެއްޗެއް ބޮއިގެން ހިތާމަތައް ފިލުވައި ލެވޭނެނަމަ އަހަރެން މިހުރީ އެހީތެރިވެދޭށެވެ."  

އެހިސާބުން އެކުވެރިޔާ އެބުނާ އެއްޗެއް ވިސްނުނެވެ. ވިސްނުމުން ގިސްލައި ރޮވުނެވެ. އަދި ކުރަމުން މިއާދެވުނު ޢަމަލުން ހިތާމަތައް ފިލުވަން ކުރާނެ އެއްވެސް ފައިދާއެއް ނެތްކަން ވިސްނުނެވެ.  

އަދި ޒުވާނާ ބުނީ ހަމަ އެވަގުތުން ފެށިގެން އެނުބައި ޢަމަލު އެއްވެސް ވަރަކަށް ނުކުރާ ކަމަށާއި އެކުވެރި ޑޮކްޓަރަކީ މުސްލިމެއްވެސް ނޫންކަމަށެވެ.  

މުސްލިމެއް ނޫން ނަމަވެސް އޭނާ އެދިން މެސެޖަކީ އަދި ފިލާވަޅަކީ އެއީ ދުނިޔޭގެ ކިތަންމެ ގިނަ ބައަކު އެކަންކުރި ނަމަވެސް ހާސްވުމާއި ކަންބޮޑުވުން ފިލުވަން އަދި ހިތްދަތިކަމުން ސަލާމަތްވާން މަސްތުވުމަކީ އެއްވެސް ކަމެއްގެ ޙައްލު ނޫންކަމާއި ކިތަންމެ ގިނައިން ކިތަންމެވަރަކަށް މަސްތުވި ނަމަވެސް އެއްވެސް ކަމެއް ޙައްލުނުކުރެވޭނެ ކަމުގެ މެސެޖެވެ.  

އަދިވެސް އެ ޒުވާނާ ކިޔައިދިނެވެ.  

"އަނެއް ދުވަހު މެންދުރު ނަމާދަށް ދިއައީމެވެ. ނަމާދު ނިމިގެން ގެއަށްދާހިތެއް ނުވިއެވެ. ގަބުވެފައި އިނދެވުނީއެވެ. އެހެން އިންދައި މިސްކިތުގެ އިމާމް އައިސް އޭނާގެ ކޮޓަރިއަށް ގެންގޮސްފައި ސުވާލުތައް ކުރަން ފެށުމުން ހުރިހާ ވާހަކަތަކެއް ތެދަށް ކިޔައިދިނީމެވެ. އިމާމް ބުނީ ވެދިއަތަނާއިމެދު ކަންބޮޑުނުވާށެވެ. މިހާރު ތިއައިނދެވެނީ މިސްކިތުގައެވެ. ބިންމަތީގައި ހުރި ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ތަނުގައެވެ. ވީމާ މިތަނުން ނުނުކުމެ ވީހާ ގިނައިރު މަޑުކުރާށެވެ. ވީހައި ގިނައިން ސަޖިދަ (ނަމާދު) ކުރާށެވެ. ދުޢާކުރާށެވެ. ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ"  

އޭނާ އިމާމްގެ ނަޞޭޙަތް ޤަބޫލުކުރިއެވެ. މިސްކިތުގައި ގިނަ ވަގުތުތައް ހޭދަކޮށް ނަމާދުކޮށް ދުޢާކުރަންފެށިއެވެ. ޛިކުރުކުރުމުގައި ވީހާގިނަ ވަގުތު ހޭދަކުރަން ފެށިއެވެ.  

އެކަމުން ލިބުނު ކާމިޔާބީވެސް ޒުވާނާ ކިޔައިދިނެވެ. "އެގޮތަށް މިސްކިތުގައި އުޅޭތާ މަހެއްހައިދުވަސްވެސް ނުވަނީސް މިސްކިތުން ކުރިންވެސް ބައްދަލުވާ މީހަކު އަހަރެންނާއި ސުވާލުތައް ކުރިއެވެ. އޭނާއަށްވެސް ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ.  

އޭނާ އެދުނީ އޭނާ އާއިއެކު އޭނާގެގެއަށް ދިއުމަށެވެ. ދިއުމުން ދާދި އެއް ޢުމުރެއްގެ 3 އަންހެންކުދިން ދައްކާފައި ބުންޏެވެ. "ބޭނުން ދަރިއަކު އިޚްތިޔާރުކުރާށެވެ. ކައިވެނިކޮށްދޭނަމެވެ. ދިރިއުޅެވޭނެ މަގު ފަހިކޮށްދޭނަމެވެ."  

ޒުވާނާ އެތަނުން ކުއްޖަކާއި ރުހި ކައިވެނިކުރީއެވެ. އަނބިމީހާގެ ބައްޕަވީ ރަށުގެ އެންމެ ތަނަވަސް އެކަކަށެވެ. އަދި ލިބުނު އަނބިމީހާވީ ކުރީގެ ލޯބިވެރިޔާއަށްވުރެ މާރީތި، އަޚްލާޤް ރަނގަޅު، ތަޤްވާވެރި އަންހެނަކަށެވެ. ކުރިން އުޅުނު ގޮތަށް އަބަދު ފާރަލަންޖެހޭފަދަ އެއްވެސް ކަމެއް ނުކުރެއެވެ.  

ލޮބުވެތި އަޚުންނާ އުޚުތުންނޭވެ! ކޮންމެ ކަމަކާއި ގުޅިގެން ނަމަވެސް ހިތްދަތިކަމެއް ލިބިއްޖެނަމަ، ޙައްލު ހޯދަން ފާފަތަކަށް އަރައިނުގަންނާށެވެ. ސަޖިދަކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ ރަޙްމަތް މިންވަރުކުރައްވަވާނެ ގޮތް ނުވެސް އެނގޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން