ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކުރި ސަރަހައްދު އާންމުދަތުރުފަތުރަށް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކުރި ސަރަހައްދު އާންމުދަތުރުފަތުރަށް ހުޅުވާލައިފި

މާލޭގެ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތައް ނިންމައި، އެ ސަރަހައްދު މިއަދު އާންމު ދަތުރުފަތުރަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢުގެ ދަށުން ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރު އަޅާފައެވެ. މީގެ އިތުރުން މަގު ފުޅާކުރުމުގެ ގޮތުން ފަޅުތެރެއިން ބައެއް ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް މަގަށް ވަނީ އިތުރުކޮށްފައެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، ހަތަރު ލޭނު ހިމެނޭގޮތަށް ތަރައްޤީކޮށްފައިވާ ސަރަހައްދެކެވެ. މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެމްޓީސީސީގެ އަމާޒަކީ ރަމަޟާންމަހުގެ ކުރިން މަސައްކަތްތައް ނިންމާ އާންމުންނަށް ހުޅުވާލުން ކަމަށްވާއިރު، މިއަދު މިވަނީ އެ އަމާޒަށް ވާސިލުވެފައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ނިންމައި ކުރިން ވަނީ ހުޅުވާލާފައެވެ. މުޅި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބާޒާރުމަތީ ސަރަހައްދަކީ ޚާއްޞަކޮށް ރަމަޟާންމަހު ވަރަށް ބޮޑަށް ބާރުބޮޑުވާ ސަރަޙައްދަކަށްވާއިރު، މަގު ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތް ނިމުމުން އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މިއަދު އޮންލައިން