ނިމިދިޔަ އަހަރުގެ ތެރޭގައި ސްޓްރޯކް ޖެހިގެން 532 މީހަކަށް އައިޖީއެމްއެޗުގެ ނިއުރޮލޮޖީ ޑިޕާޓްމަންޓުން ފަރުވާދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ. މި ތަފާސްހިސާބުތައް ހާމަކުރައްވާފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ނާރުގެ ބަލިތަކާއި ސްޓްރޯކަށް ޚާއްޞަ ސެންޓަރެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ރާއްޖޭގެ ފުރަތަމަ ނިއުރޮލޮޖިސްޓް ޑރ. އަޙްމަދު ރަޝީދު ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ނިސްބަތުން ނާރުގެ ބަލިތަކާއި ސްޓްރޯކް ޖެހޭ މިންވަރު އިތުރުކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މިފަދަ ބަލިތައް ޖެހޭ މީހުންގެ ތެރޭގައި ޒުވާން އުމުރުފުރާގެ ކުދިން ގިނަކަން ޑޮކްޓަރުން ވަނީ ފާހަގަކުރައްވާފައެވެ.
ޑރ. އަޙްމަދު ރަޝީދު ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ނާރުގެ ބަލިތަކުގައި ޖުމްލަ 1،089 މީހުން އައިޖީއެމްއެޗުގެ ނިއުރޮލޮޖީ ޑިޕާޓްމަންޓުގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނައީ ސްޓްރޯކް ޖެހިގެން ފަރުވާ ހޯދި މީހުންނެވެ.
ސްޓްރޯކް ޖެހިގެން ފަރުވާދިން 532 މީހުންގެ ތަފްސީލަށް ބަލާއިރު، 70 އިންސައްތައަކީ ސިކުނޑީގެ ލޭ ހޮޅިއެއް ބެދިގެން ސްޓްރޯކް ޖެހުނު މީހުންނެވެ. އަދި ބާކީ 30 އިންސައްތައަކީ ސިކުނޑީގެ ލޭ ހޮޅިއެއް ފަޅައިގެން ގޮސްގެން ސްޓްރޯކް ޖެހުނު މީހުން ކަމަށް ޑރ. އަޙްމަދު ރަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ނާރުގެ ބަލިތަކުގައި އެޑްމިޓްކުރި މީހުންގެ ތެރެއިން 557 މީހުންނަކީ ޢާންމު ބަލިތަކާއި، ފިޓު ޖެހުމާއި، އަދި ނާރުގެ އެހެނިހެން ބަލިތަކަށް ފަރުވާ ހޯދުމަށް އެޑްމިޓްކުރި މީހުންކަންވެސް އެ ހޮސްޕިޓަލުން ވަނީ ހާމަކުރައްވާފައެވެ.